ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ އިތުރު 993 މީހަކު މަރުވެއްޖެއެވެ. އިއްޔެ އަކީ ފާއިތުވި 27 ދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ފަހަކަށް އައިސް އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވި ނަމަވެސް މަރުވާ މީހުންގެ އަދަދު އޮތީ ވަރަށް ބޮޑަށް މަދުވެފައެވެ. ހޯމަ ދުވަހު ވެސް އެމެރިކާ އިން މަރުވީ 378 މީހުންނެވެ. އާދީއްތަ ދުވަހު މަރުވީ 262 މީހުންނެވެ.

އިއްޔެ އެމެރިކާ އިން 55462 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރު ވަމުން އައި ނަމަވެސް އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވެފައި ވަނީ ޓެސްޓް ކުރުން އިތުރު ކުރުމުންނެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމުން ބައެއް ސްޓޭޓްތަކުން ވަނީ ޕާކްތަކާއި އާއްމުން ގިނައިން އެއްވާ ބައެއް އެހެން ތަންތަން ވެސް ބަންދު ކުރަން ފަށާފައެވެ. އެމެރިކާގެ ގިނަ ސްކޫލްތައް ވެސް އަދި ހުރީ ބަންދު ކޮށްފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަނީ ސްކޫލްތައް އަލުން ހުޅުވާލުމަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.

އިންފެކްޝަސް ޑިސީސްގެ ތަޖުރިބާކާރު އެންތަނީ ފައުޗީ މިއަދު ވިދާޅުވީ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ތެރެއިން މަރުވާ މީހުންގެ އަދަދު މަދުވި ނަމަވެސް އެއީ ބަލީގެ ނުރައްކާ ކުޑަވުން ކަމުގައި އެއްވެސް މީހަކު ބަލައިގެން ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު