ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިރާނުން ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރާ ބައިނަލްއަގްވާމީ އިދާރާއަކުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެގައުމުން އިތުރު 221 މީހަކު މި ބަލި ޖެހިގެން ވަނީ މަރުވެފައެވެ. މިއާއެކު އެގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 12,305 އަށް އަރާފައެވެ.

އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން 250,458 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 2,079 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ.

ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދަކަށް ކޮވިޑް-19 ފެތުރިފައިވާއިރު، އިރާނަކީ މިހާތަނަށް 10 ވަނަ އަށް މި ބަލި ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާ ގައުމެވެ. މީގެ ކުރިން އީރާން ބެލެވިފައި އޮތީ ކޮވިޑް-19 ފެތުރިއްޖެ ނަމަ ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެން ހިނގައިދާނެ ގައުމުގެ ގޮތުގައެވެ. ނަމަވެސް މިވަގުތު އީރާނަށް ވުރެ އެމެރިކާގެ ހާލު ދެރައެވެ. އެމެރިކާއަކީ މިހާތަނަށް ދުނިޔެއިން އެންމެ ގިނަ މީހުން ފައްސިވެ، މަރުވެފައިވާ ގައުމެވެ.

އިރާނުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 212,179 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 25,977 މީހަކަށެވެ. އޭގެ ތެރެއިންވެސް 3,324 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.