ރާޅު އަރާފާނެ ކަމަށް ލަފާކޮށް ދެކުނުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ރާޅު އަރަމުން ދަނީ އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާނިތަކެއްގެ ސަބަބުންނެވެ.

މެޓް އޮފީހުން މިއަދު ވިދާޅުވީ ރާއްޖެ އާއި ދުރުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދުރާއްޖޭތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ހާއްސަކޮށް ދިޔަވަޅު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑު ވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މީގެ އިރުކޮޅެއް ކުރިން މެޓް އިން ވަނީ މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައެވެ.

މެޓް އޮފީހުން ރީނދޫ ސަމާލުގައި ބުނެފައި ވަނީ، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ދެމެެދުގެ ރަށްތަކަށް ރާޅު އަރާނެ ކަަމަށެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 8:30 އަށެވެ.

މެޓް އޮފީހުން ވަނީ ރާޅު އަރާފާނެ ކަމަށް ލަފާކުރެވޭތީ އެންމެހައި ފަރާތްތަކުން ހާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކާއި މޫދަށް އެރި އުޅޭ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށްފައެވެ.

އަދި ފަތުތެރޭގައި އަޅައިފައި ހުންނަ އުޅަނދު ފަހަރުގެ ރައްކައުތެރިކަމަށް ވެސް ވިސްނެވުމަށް މެޓް އޮފީހުން އެދެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ.