ސްރީލަންކާ އިން މިއަދު ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ސްރީލަންކާގެ ސަރުކާރުން ބުނީ މިއަދު އެގައުމުން 300 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް ސްރީލަންކާ އިން އެންމެ ގިނަ މީހުން އެއްދުވަސް ތެރޭގައި ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ސްރީލަންކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 283 މީހުންނަކީ ކަންޑަކަޑޫ ރިހެބިލިޓޭޝަން ސެންޓަރުން ކޮވިޑް-19 އަށް ފައްސިވި މީހުންނެވެ. އަދި މިރިހެބިލިޓޭޝަން އާއި ގުޅުން އޮތް އިތުރު ތިން މީހަކު ވަނީ މިއަދު ކޮވިޑް-19 އަށް ފައްސިވެފައެވެ.

އޭގެ އިތުރުން ދެން ކޮވިޑް-19 އަށް ފައްސިވީ ވެލިކަޑަ ޖަލުން އިތުރު އެކަކާއި ގައުމުން ބޭރުގައި ތިބުމަށް ފަހު އެނބުރި ގައުމަށް އައިސްފައިވާ މީހުންގެ ތެރެއިން 13 މީހެކެވެ.

މިއަދު ސްރީލަންކާ އިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ އެއް ކްލަސްޓާއެއްގައި ހިމެނޭ ބައެއް ކަމަށް ވާތީ މާބޮޑު ނުރައްކަލެއް ނެތް ކަމަށް ލަންކާގެ އޮފިޝަލުން ވިދާޅުވެއެވެ.

ސްރީލަންކާ އިން މިހާތަނަށް 2454 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 1980 މީހަކު މިހާރު ބަލިން ރަނގަޅުވެފައި ވާއިރު މިހާތަނަށް 11 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ޖޫން މަސް ފެށުނު ފަހުން ލަންކާގައި ކޮވިޑް-19 ގެ ހާލަތު އައީ ރަނގަޅު ވަމުންނެވެ. ހާލަތު ރަނގަޅު ވާން ފެށުމުން އެގައުމުން ވަނީ ފުރަބަންދަށް ވެސް މިހާރު ބޮޑެތި ލުއިތައް ދީފައެވެ. ނަމަވެސް މާސްކް އެޅުން މަޖުބޫރުކޮށް، މާސްކް އެޅުމާއި ރައްކާތެރި އެހެން ފިޔަވަޅުތަކަށް ބޯނުލަނބާ މީހުން ހޯދަން ފުލުހުން މަގުތަކަށް ނެރެ، ސަރުކާރުގެ އުސޫލުތައް ތަންފީޒު ކުރުމުގެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރަމުން ގެންދެއެވެ.

ސްރީލަންކާގައި ކޮވިޑް-19 ފެތުރުން މިހާރު ކޮންޓްރޯލް ކޮށްފައި އޮތް ނަމަވެސް ދޭތެރެ ދޭތެރެއިން ބޮޑެތި ކްލަސްޓާތައް ދަނީ ފެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު