ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކަލަށް ދުނިޔެ ހުށަހެޅި އަރައިނުގަނެވޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިވަމުން ދާއިރު، މި ބަލިމަޑުކަން ކައިރި މުސްތަޤުބަލެއްގައި ވެސް ނައްތާނުލެވިދާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލާއިރު، ބަލިން އަރައިގަނެވުމަކީ ކައިރީގައި އޮތް ކަމެއް ނޫން ކަމަށް ޑަބްލިއުއެޗްއޯ އިން ފުރަތަމަ ފަހަރަށް ބުނެފައި ވާއިރު، މީގެ ކުރިން ވެސް ސިއްޙީ ތަޖުރިބާކާރުން މިގޮތަށް ލަފާކޮށްފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ ހެލްތް އިމަޖެންސީސް ޕްރޮގްރާމުގެ އެގްޒެކެޓިވް ޑިރެކްޓަރ، ޑރ. މައިކް ރަޔާން ވިދާޅުވީ، ދުނިޔެއަށް ކޮވިޑް-19 ގެ ބަލިމަޑުކަން އޮތް މިންވަރަށް ބަލާއިރު އާއި، މި ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު ބަލި ކޮންޓްރޯލް ކުރުމަކީ ނުވެދާނެ ކަމެއް ކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުން ބަލި ނައްތާލެވުނަށް ދުނިޔެއަށް މި ބަލިމަޑުކަމުން އަރައިގަތުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިއްޖެ ބަލި ޖެހިފައިވާ އެންމެން ރަނގަޅުވި ޤައުމުތަކަށް ވެސް، ފަހުން ބޭރުން ދަތުރު ކުރި މީހުންގެ ފަރާތުން އަލުން ބަލި ފެތުރުނުތަން. އެހެންކަމުން މިކަމުގައި އަބަދުވެސް ނުރައްކާ އޮންނާނެ. އަދި ޤައުމުތަކުން ބަލި އެއްކޮށް ކޮންޓްރޯލް ކުރިނަމަވެސް ފަހުން ބަލި ނުފެތުރޭނެ ކަމަށް ބަލައިގެންވެސް ނުވާނެ،" ޑރ. ރަޔާން ވިދާޅުވިއެވެ.

ދުނިޔެއަށް ކޮވިޑް-19 ގެ ނުރައްކަލުން އަރައިނުގަނެވިދާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައި ވާއިރު، އެ ޖަމިއްޔާގެ ތަޖުރިބާކަރުން ބުނެފައި ވަނީ، ބަލި ކޮންޓްރޯލް ކުރުމަށް ކޮންމެ މީހެއްގެ ވެސް ޒިންމާ ބޮޑު ކަމަށެވެ. އެހެންކަމުން މި ހާލަތަކީ އެންމެން އެކުގައި މަސައްކަތް ކޮށްގެން މެނުވީ ބަދަލުވާނެ ހާލަތެއް ނޫން ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ދުނިޔެ ކުރިމަތިލަމުންދާތާ ހަތް މަހަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން 12.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، އޭގެތެރެއިން ބައިމިލިއަނަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

މިދިޔަ މޭއި މަހުގެ ތެރޭގައި ދުނިޔޭގައި ބަލި ފެތުރޭ މިންވަރަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް އައިސްފައި ވީނަމަވެސް، އޭގެފަހުން މާގިނަ ދުވަސްތަކެއް ނުވަނީ ކުރިޔަށްވުރެ ބޮޑަށް ބަލީގެ ނުރައްކާ ވަނީ އިތުރުވެގެން ގޮސްފައެވެ. ދުވަހެއް ދުވަހަކަށް ކޮވިޑް ޖެހޭ މީހުންނާއި މިބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން އަންނައިރު، އިއްޔެ އަކީވެސް ރެކޯޑް އަދަދަކަށް މީހުން ފައްސިވި ދުވަހެކެވެ.

ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެ ދެކެފައިނުވާފަދަ މި ނުރައްކަލާއި އެކު އަބަދަށްޓަކައި ދުނިޔެ ވަނީ ބަދަލުވެގެން ގޮސްފައެވެ. އަދި ޤައުމުތައް ހުއްޓުމަކަށް އައިސް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެ އިތުރު ނުރައްކަލަށް އެތައް ބަޔަކު ވަނީ ހުށަހެޅިފައެވެ. މި ބަލިމަޑުކަން ދުނިޔޭގައި ފެތުރޭ އެތައް ދުވަހެއް ވެގެން ގޮސްފައި ވީނަމަވެސް މިހާތަނަށް ބައްޔަށް ކާމިޔާބު ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައި ނުވެއެވެ.