ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްރަށަށް ރާޅު އަރާފާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާވިސް އިން މި ސަމާލު ނެރެފައި ވަނީ ހއ. ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. ހުރިހާ ރަށެއް ހިމެނޭހެން މުޅި ރާއްޖެއަށް މި ސަމާލު ނެރެފައި ވަނީ މިރޭ 2:30 އިން ފެށިގެން ހެނދުނު 6:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކުގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ރާޅު އަރާފާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މިރޭ ހުދު ސަމާލު ނެރެފައި ވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ގިނަ ރަށްރަށަށް، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ވަރަށް ބޮޑަށް ރާޅު އަރަމުން ދެއެވެ.

މިގޮތުން ރާޅު އެރުމުގެ ސަބަބުން ބައެއް ރަށްރަށުގައި އާންމުން ދިރިއުޅޭ ގެތަކަށް ފެންވަދެ ހިފައިގެންގުޅޭ ތަކެއްޗަށްވެސް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ދުވަސްވަރު ރާއްޖޭގެ ރަށްރަށަށް ރާޅު އަރަމުން ދަނީ ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާނިތަކެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ގިނަ ރަށްރަށަށް ރާޅު އެރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ރަށްރަށަށް ރާޅު އަރާނެ ކަމަށް ލަފާ ކުރެވޭތީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ަިަަައިބްރާހީމް

    އަޅުގަނޑުގެ އަޚުންނަށް ލިބުނު ގެއްލުމަށް ހިތާމަކުރަން. ﷲ ތިޔަ އަޚުންނަށް ހެޔޮގޮތް މިނަވްރުކުރައްވާ މިފަދަ މުސީބާތްތަކުން ސަލާމަތް ކުރައްވާަށި. އާމީން.

    15
    • ހމމ

      އާމީން

  2. ޢަބްދުﷲ

    ޤުދުރަތީ ކާރިސާތައް ގިނަވެ އެންމެން ބިރުވެރިކަމެއްގައި ވާއިރުވެސް އިވެނީ ބަރަހަނާ ވީޑިއޯތައް އެފް،ބީ އަށްވުރެވެސް ގިނައިން މިޤައުމުގައި ބަލަމުން ގެންދާ ވާހަކައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޤައުމުގެ މަތީފަޑީގައި ތިބެގެންވެސް ބައެއް މީހުން ދައްކާ ވާހަކައިންނާ ހިންގާ ޢަމަލުތަކުން ބިރުން ފިއްކަޑައިގެން ދާވަރުވެއެވެ. ޔާﷲ މިއަޅާމެންގެ މުޖުތަމަޢަކީ އިނބަ އިލާހަށް ބިރުވެތިވެ އީމާންކަންމަތީ ފުރިހަމަ ޢަޤީދާގެ މަތީގައި ސާބިތުވެފައިވާ ރައްޔިތުންތަކެއް ކަމުގައި ލައްވާންދޭވެ! އާމީން!