ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ ނުރައްކާ އަވަށްޓެރި ލަންކާ އަށް ބޮޑުވެ، އެ ގައުމުގެ ސްކޫލްތައް އަނެއްކާވެސް ބަންދު ކޮށްފިއެވެ.

މިއަދު އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާދަމާ އިން ފެށިގެން މި މަހުގެ 17ގެ ނިޔަލަށް އެ ގައުމުގެ ހުރިހާ ސަރުކާރު ސްކޫލްތަކެއް ބަންދު ވާނެ ކަމަށެވެ.

ސްރީލަންކާ އަކީ މިއަހަރު ކުރީކޮޅު މުޅި ދުނިޔެ އަށް ވައިރަސް ފެތުރެން ފެށުމުން އެންމެ އަވަހަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 50 ވަރަކަށް ދުވަހު އެ ގައުމުގައި ކާފިއު އިއުލާން ކޮށްފައި، ކާފިއު އުވާލާފައި ވަނީވެސް ވަރަށް މަޑުމަޑުންނެވެ.

މިހާރު އެ ގައުމުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމަކަށް ވާއިރު، މާސްކު ނާޅާ އުޅޭ ފަރާތްތަކަށް ފުލުހުން ގެންދަނީ ހަރުކަށި އަދަބު ދެމުންނެވެ. އެ ގައުމުގައި މިހައިތަނަށް ވައިރަހަށް ފައްސިވެފައި ވަނީ 2،605 މީހުން ކަމުގައި ވާއިރު، ވައިރަހުގެ ޝިކާރަ އަކަށްވެ މަރުވެފައި ވަނީ 11 މީހުންނެވެ.

މިވަގުތު އެ ގައުމުގައި ވައިރަހަށް ފަރުވާ ދެވެމުން ގެންދަނީ 624 މީހުންނަށެވެ. އެ ގައުމުގައި މުޖުތަމައު ތެރޭގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވެއްޖެނަމަ އެ ގައުމުގެ ސަރުކާރުން އަނެއްކާވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅައި މުޅި ގައުމުގައި ކާފިއު އިއުލާން ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު