ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 514 މީހަކު މަރުވެއްޖެ އެވެ. މިއީ ފާއިތުވެދިޔަ ދެމަހެއްހާ ދުވަސް ތެރޭގައި ވެސް އެޤައުމުން މި ބަލީގައި ދެވަނައަށް އެންމެ މަދުން މީހުން މަރުވި ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ބްރެޒިލް އިން އިތުރު 17,988 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު މިހާރު ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 2,751,665 އަށް އަރާފައެވެ.

ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު ގިނަ ބަޔަކު މަރުވުމާއި ގުޅިގެން، ކޮވިޑް ޖެހިގެން އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 94,702 އަށް އަރާފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 1,912,319 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" އަންނާނީ ކުރިޔަށް އޮތް ދުވަސްތަކުގައި ކަމަށް ބެލެވިފައިވާތީ އެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 18.4 މިލިއަނަށް އަރާފައިވާއިރު، އޭގެތެރެއިން 696,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.