މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 148 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 146 މީހުން ފައްސިވީ މާލެ އިންނެވެ. ދެމީހުން ފައްސިވީ އަތޮޅުތަކުންނެވެ.

އެޗްޕީއޭ އިން ވިދާޅުވީ މިއަދު ފައްސިވި މީހުންގެ ތެރެއިން 117 މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ފައްސިވީ ބަންގްލަދޭޝްގެ 22 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ނޭޕާލް މީހަކާއި ސީޝެލްސް މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4594 އަށް އަރާފައެވެ. 2706 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ބަލި ޖެހިފައި މިހާރުވެސް 1869 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 110 މީހަކަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 23 މީހަކު ވަނީ މިއަދު ބަލިން ރަނގަޅު ވެފައެވެ.

އޮގަސްޓް މަހުގެ 02 ވަނަ ދުވަހު 242 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވުމަށް ފަހު ފާއިތުވި ތިން ދުވަހު ފައްސިވި މީހުންގެ އަދަދު އެއަށްވުރެ މަދެވެ.

ފަހަކަށް އައިސް ރާއްޖެއ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވާން ފެށުމުން މާސްކް އެޅުން މަޖުބޫރުކޮށް، ރޭގަނޑު 22:00 އިން ފަތިހު 05:00 އަށް ވަނީ ކާފިއު ހިންގަން ފަށާފައެވެ. އަދި މާލެ އިން އަތޮޅުތަކަށް މީހުން ދަތުރު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު މިހާރު ވަނީ ހަރުކަށި ކޮށްފައެވެ.

ނަމަވެސް ގިނަ މީހުން މީސް މީޑިއާގައި ބުނަމުންދަނީ އަދި އަޅާފައި ހުރި ފިޔަވަޅުތައް މާލުއި ކަމަށާއި ބަލި ކޮންޓްރޯލް ކުރަން އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަރީ

    ނިކަން ލިޔެލަބަލަ އަލާމާތް ނެތް 148 މީހުން ފައްސި ވެއްޖެޔޭ. ތިޔަ ގެންގޭ ޓެސްޓްކިޓް އެއީ ތެދު ހަދާ އެއްޗެއް. އޭތި ފައްސިޔޭ ބުނެފިއްޔާ ހަތިމުގަ އަލްލާފަ ބަޔަކު ހުވާނުކުރިޔަސް ފުދޭ. އެހެންނޫނަސް އޮގަސްޓް މަސް ގޯސްވާނެޔޭ އޮތީ ބުނެފައެއްނޫން. ޑަބުލިއު އެޗް އޯގެ ޑުރާމާގެ ބައިވެރިން.