ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 695 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި މެކްސިކޯއިން އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 52,006 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވަމުން އަންނަ ޤައުމުތަކުގެ ތެޜޭގައި މިހާރު މެކްސިކޯވެސް ހިމެނޭއިރު، އެޤައުމުން ބަލީގައި މަރުވާ މީހުންނާއި ބައްޔަށް އަލަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް އެޤައުމުން އަލަށް 6,495 މީހަކަށް ބަލި ޖެހިފައި ވެއެވެ.

މެކްސިކޯއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 475,902 ގައި އުޅޭއިރު، އެޤައުމަކީ މިހާރު ދުނިޔެއިން 6 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެވެ. އަދި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމެއްގެ ގޮތުގައި ވެސް އޮތީ މެކްސިކޯ އެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މެކްސިކޯއިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 318,638 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މީގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭ ރަނގަޅުވި ކަމަށް ރެކޯޑް ކުރެވުނު 5252 މީހަކު ވެސް ހިމެނެއެވެ.

މިހާރު އެޤައުމުގައި ފަރުވާދެމުން ދަނީ 105,258 މީހަކަށެވެ. މީގެ ތެރެއިން 3,892 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން އެޤައުމުން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރުވެގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މެކްސިކޯ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.