ކ.އަތޮޅަށް ވަރަށް ބޮޑަށް ވައި ގަދަވުމުން ހަދަމުން ދިޔަ އިމާރާތަކުން ބައެއް ގެއެއްގެ ތެރެއަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މިހާރު ހަތަރު ވަރަކަށް ބުރިއަށް ހަދާފައިވާ އިމާރާތުގެ ފާރުން ބައެއް ވެއްޓިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނުގައި ތިބި ބަޔަކު ދިރިއުޅެމުން އައި ގެއެއްގެ މައްޗަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:30 އެހާކަން ހާއިރުއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެގޭގެ ވެރިފަރާތުން ބުނީ، އިމާރާތް ވެއްޓުނު ވަގުތު އެގޭގައި ކަރަންޓީނުގައި ތިން މީހަކު ތިބި ކަމަށެވެ. މި ހާދިސާގައި އޭގެން އެއްވެސް މީހަކު ބޭރުން އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަން އޭނާވަނީ ފާހަގަކޮށްފައެވެ.

"އެތަނުގައި ކަރަންޓީނުގައި ތިބީ، ތިން އަހަރުގެ ކުއްޖަކާއި ބަނޑަށް ތިން މަސްނުވާ މާބަނޑު އަންހެނަކާއި އެމީހުންގެ ކަޒިން ކޮއްކޮއެއް" ގޭގެ ވެރި ފަރާތުން "ވަގުތު"އަށް ބުންޏެވެ.

އޭނާ ބުނީ، އެ އިމާރާތުން ބައެއް ވެއްޓި އެގޭގެ ފުރާޅުވެސް ވެއްޓިފައިވާ ކަމަށާއި، ގޭގެ ކުޑަދޮރުތައްވެސް ތަޅައިގެން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން އެގޭގައި ކަރަންޓުވެސް މިހާރު ނެތް ކަމަށް އޭނާ ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން އެރަށު ކައުންސިލްގެ އެއްވެސް އެހީތެރިކަމެއް އަދި ލިބިފައި ނުވާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"ކައުންސިލަށް އަންގާފަވީ. ކައުންސިލްގެ ރައީސަށްވެސް ގުޅާފަ އިންނާނީ. އެމީހުންގެ އެހީތެރިކަމެއް ލިބިފައެއް ނެތް. މީހުން ބަދަލުކޮށްދިނުމުގައިވެސް. އެމީހުންވެސް ކައުންސިލަށް ގުޅީމަ އެއްވެސް އެއްބާރުލުމެއް ނުދިން އެމީހުން ބަދަލު ކުރާކަށް. ކައުންސިލްގެ ރައީސް ބުނީ އަމިއްލަޔަށޯ ޖެހޭނީ ތަން ހޯދަންވެސް".

ކައުންސިލްގެ އެއްބާރުލުމެއް މިކަމުގައި ލިބިފައި ނުވީ ނަމަވެސް، އާއިލާ މީހުންގެ އެހީތެރިކަމާއި ފުލުހުންގެ އެހީތެރިކަން ލިބިގެން އާއިލާގެ އެހެން ގެއަކަށް އެގޭގައި ތިބި މީހުން ބަދަލު ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ކައުންސިލުން ބުނެފައި ވަނީ، އެ މީހުންނަށް ދޭން ޖެހޭ އެއްބާރުލުން ދީފައި ވާނެ ކަމަށެވެ.

މާފުށި ކައުންސިލްގެ ރައީސް، އުސްމާން ރަޝީދު "ވަގުތު"އަށް ވިދާޅުވީ، އެ ހާދިސާއާއި ގުޅިގެން އެގޭގެ މީހުން އޭނާއަށް ގުޅުއްވުމުން، "ކަރަންޓީނުގައި ތިބޭ މީހުން ތަންތަނަށް ބަދަލު ކުރުމުގައި ހަރަކާތްތެރިވާނީ ހެލްތް ސެންޓަރުން ކުރާ ކަމެއް ކަމަށް" ބުނެފައިވާނެ ކަމަށެވެ.

އަދި ވަގުތުން ހެލްތް ސެންޓަރުގައި މަސައްކަތް ކުރާ މީހުންނަށް ގުޅާފައި އެކަން އެންގި ކަމަށާއި، އަދި އެ މީހުންނަށް ގުޅާލުމުން އެހާދިސާ ހިނގި ސަރަހައްދަށް އެ މީހުން ގޮސްފައިވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން އެތަނުގައި ތިބި ތިން މީހުންވެސް ބަދަލުކޮށްފައިވަނީ ހެލްތް ސެންޓަރުގެ އެހީތެރިކަމާއި އެކީ އެމްބިއުލާންސެއްގައި ކަމަށް އުސްމާނު ވިދާޅުވިއެވެ.

އަދި އެވަގުތަކީ ވާރޭ ވެހެމުންދިޔަ ވަގުތެއް ނަމަވެސް އެ ސަރަހައްދު ބަލާލަން އެތަނަށް ދިޔަ ކަމަށް އުސްމާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯނުއެދުރު ޗ.ޑަބިޔާފުށި

    ކަންކަން ދިމާވިމަ ދިމާވި ވާހަކަ ދައްކާތީ ހިތާމަޔަކީ ކުޑަކުދިންގެ މަރުކަޒުގައި(އިސްލާހިޔާ)ގައި ހުރި މުދަލާތަކެތި ބޭނުންކުރިބަޔަކަށް މިކަންކަމާމެދު ވިސްނި އެކަން ކުރުން ހުއްޓާލާކަށް ނުވޭބާއޭ ހިތައްއަރާ.

    10