ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 140 އަށް މަދުވެއްޖެއެވެ.

ރޭ އެޗްޕީއޭ އިން ވިދާޅުވީ 144 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް މިރޭ އާއްމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި ހޮސްޕިޓަލްގައި މިހާރު އެޑްމިޓް ކޮށްފައި ވަނީ 140 މީހުންނެވެ.

އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މަދުވެފައި މިވަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މަދުވި ނަމަވެސް މިއަދު ވެސް އިތުރު 143 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަަދަދު ވަނީ 2218 އަށް އަރާފައެވެ.

ހަލުވިކަމާއި އެކު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުން ދާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުރީ 268 އެނދެއެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި 18 އެނދެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މާސްކް އެޅުން މަޖުބޫރުކޮށް ރޭގަނޑު 22:00 އިން ފަތިހު 05:00 އަށް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ. މާސްކް އެޅުން މަޖުބޫރު ކުރީ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަރީ

    އިންޝާﷲ ކަލޭމެން ތިޔަކުޅޭ ޑުރާމާ ކާމިޔާބެއް ނުވާނެ. ﷲ ގެ ރަހުމަތްފުޅު މާބޮޑު. ނަސީބަކުން މިދުވަސްކޮޅު މީހުން އެހެނިހެން ބަލީގަ ބަލިވާލެއްވެސް މަރުވާލެއްވެސް މަދު އެހެންނޫންނަމަ ކަލޭމެން އެހުރިހާކަމެއް ވެސް އަޅުވާނީ ތި ކޮވިޑް ޑުރާމާ ބޮލުގަ.