ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅު ވެފައި ވަނީ 13 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ ވިދާޅުވީ މިއަދު ރާއްޖެ އިން އިތުރު 143 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 5041 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވީ ޖުމްލަ 2804 މީހުންނެވެ. މިހާރު ބަލި ޖެހިފައި 2218 މީހުން އެބަތިއްބެވެ.

ކޮވިޑް-19 ޖެހިފައި މިހާރު ތިބި މީހުންގެ ތެރެއިން 140 މީހަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުން ވަނީ ބަލިން ރަނގަޅުވާ މީހުންނަށްވުރެ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މާސްކް އެޅުން މަޖުބޫރުކޮށް ރޭގަނޑު 22:00 އިން ފަތިހު 05:00 އަށް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ. މާސްކް އެޅުން މަޖުބޫރު ކުރީ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑޯހަޅި

    ހުރިހާ މަސައްކަތެއް ހުއްޓާލާފަ ނަމަވެސް މުޅިޤަވްމު އެބަޖެހޭ މިހާރު މިބައްޔަށް ސަމާލްވާން.ސަމާލްކަންދެއްވުން