ބ. އޭދަފުށީގައި ހޯމް ކަރަންޓީންގައި ހުރި އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން "ވަގުތަށް" މިއަދު ވިދާޅުވީ އެ ރަށުން ކޮވިޑް-19 އަށް ފައްސިވީ ބިދޭސީއެއް ކަމަށާއި އޭނާ އަށް ބަލި ޖެހުނުކަން އެނގިފައި ވަނީ ހޯމް ކަރަންޓީނުގައި 14 ދުވަސް ހަމަ ކުރުމަށް ފަހު ނެގި ސުންކުގެ ނަތީޖާ އިން ކަމަށެވެ.

އެ ރަށުން ފައްސިވެފައި ވަނީ މެދު އުމުރުގެ މީހެކެވެ. އެކަމަކު، އެއީ ހައި ރިސްކް ކެޓަގަރީގެ މީހެއް ނޫނެވެ.

އަބްދުއްރަހްމާން ވިދާޅުވީ އެ ބިދޭސީ މީހާ ކަރަންޓީންވެފައި ވަނީ މާލޭގައި ހުރެފައި ރަށަށް ދިޔަ ފަހުން ކަމަށެވެ.

މީގެ ކުރިން ބ. އަތޮޅުގައި އޮންނަ ފިނޮޅު ރިސޯޓުން އޭދަފުއްޓަށް ދިޔަ ބިދޭސީއަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މަރާމާތަށް ބަންދުކޮށްފައި އޮންނަ ފިނޮޅު ރިސޯޓުން މީގެކުރިން ހަތަރު ބިދޭސީއަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އެތަނުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، މަސައްކަތް ކުރަން އުޅުނު ހަތަރު މީހެކެވެ. އޭގެ ތެރެއިން ފުރަތަމަ ފައްސިވިިިިިިކަން އެނގުނީ, ބަލީގެ އަލާމާތްތައް ފެނިގެން މާލެ އައިސް ޑޮކްޓަރަށް ދައްކާ ޓެސްޓް ހެދި މީހެކެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ކޮވިޑް-19 ގެ ވޭދަނަތައް ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އަތޮޅުތެރެއިން ބަލީގެ ފަސް ވޭދަނަ ފެނިފައިވެއެވެ. މާލެއިން އިއްޔެ 54 ވޭދަނަ ފެނިފައިވެއެވެ.

މިވަގުތު މާލޭގެ އިތުރުން އަތޮޅުތެރެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ގިނަ މީހުންނަކީ، މާލެއިން ރަށްރަށަށް ދަތުރުކޮށް ކަރަންޓީނަށް ފޮނުވާފައިވާ މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިރު، ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 8،950 މީހެކެވެ. މި ބަލީގައި ނިޔާވެފައި ވަނީ 34 މީހެކެވެ.