ޕޮލޭންޑުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ދެ ލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު އެކަނިވެސް އެޤައުމުން އިތުރު 10،040 މީހަކު ފައްސިވެފައި ވެއެވެ.

އިއްޔެ އިތުރު އެތައް ހާސް ބަޔަކު ފައްސިވުމާއެކު ޕޮލޭންޑުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 202,579 އަށް އަރާފައެވެ. އެޤައުމަކީ މިވަގުތު ދުނިޔެއިން 29 ވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޕޮލޭންޑުގެ ހާލަތު ގޯސްވަމުން އަންނައިރު، އެޤައުމުން މަރުވާ މީހުންގެ އަދަދު ވެސް އަނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެވެސް އިތުރު 130 މީހަކު ހިމެނޭހެން އެޤައުމުން މި ބަލީގައި މިހާތަނަށް ޖުމްލަ 3،851 މީހަކު ވަނީ މަރުވެފައެވެ.

ޕޮލޭންޑުން ބަލި ޖެހޭ މިންވަރު އިތުރުވަމުން އަންނާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސްކޫލްތައް ބަންދުކޮށް ބޭރުގައި އުޅޭއިރު ވަނީ މާސްކު އެޅުމަށް އަންގާފައެވެ.

އެގައުމުން މިހާތަނަށް 98،884 މީހަކު މި ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 99،844 މީހަކަށެވެ. އޭގެ ތެރެއިން 757 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މުޅި ދުނިޔެއަށް ނުރައްކާ ކުރިމަތިކުރަމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު، ޕޮލޭންޑު ހިމެނޭހެން ގިނަ ޤައުމުތަކަށް ގޯސްވަމުން އަންނައިރު، މި ހާލަތަށް ބަދަލެއް އަންނާނީ ވެކްސިނެއް ބޭނުންކުރެވެން ފެށުމުން ކަމަށް ސިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެއެވެ. ކޮވިޑް-19 ގެ ވެކްސިނެއް މިއަންނަ އަހަރުގެ ކުރި ކޮޅު ލިބޭނެ ކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު