އެމެރިކާ އިން އިއްޔެ ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެމެރިކާ އިން ވަނީ 80005 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ އަކީ ކޮވިޑް-19 ފެތުރެން ފެށިފަހުން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. މީގެ ކުރިން އެމެރިކާގައި އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ފައްސިވީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އެދުވަހު 77362 މީހަކު ފައްސިވިއެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެމެރިކާގެ ހޮސްޕިޓަލްތަކުގެ ޖާގަތައް ވެސް އަންނަނީ މިހާރު ފުރެމުންނެވެ. މުޅި ގައުމުތަކުގެ ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއަށް ބަލާއިރު މިހާރު ވެސް %75 ވަނީ ފުރިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ އެމެރިކާގެ ގިނަ ހޮސްޕިޓަލްތަކެއް ވަރަށް އަވަހަށް ފުރިދާނެ ކަމުގެ ބިރު އެބައޮތެވެ.

ބުރާސްފަތި ދުވަހުގެ ވެސް އެމެރިކާގެ އެކި ސަރަހައްދުތަކުގައި ހޮސްޕިޓަލްތަކުގައި ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ 41000 އަށް ވުރެ ގިނަ މީހުން އެޑްމިޓް ކޮށްފައެވެ. މިހާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޯބަރ މަސް ފެށުނު އިރާއި އަޅައި ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދަށްވުރެ މިހާރު އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު %35 އިތުރެވެ.

އެމެރިކާގެ އިންފެކްޝަސް ޑިސީސްގެ ތަޖުރިބާކާރު އަދި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ނިންމުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ.އެންތަނީ ފައުޗީ ވެސް އިއްޔެ ވިދާޅުވީ އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 30 ސްޓޭޓެއްގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކަކުގައި ބޮޑު ނުރައްކަލަކާއި އެމެރިކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އޭނާ ވަނީ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް އިސްކަން ދިނުމަށް ތަކުރާރުކޮށް ނަސޭހަތް ދީފައެވެ.

އެމެރިކާގެ ހާލަތު ގޯސްވަމުން ދާއިރު އެމެރިކާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހާރުގެ ހާލަތުން އަރައިގަނެވެގެން އޮތް ގޮތަކީ ވެކްސިނެއް ބޭނުން ކުރަން ފެށުމެވެ. ނަމަވެސް އެމެރިކާގައި ކޮވިޑް-19 ވެކްސިނަކަށް މިއަހަރު ހުއްދަ ދެވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ގިނަ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުމުހޫރީ މައިދާނުން

    އެވެރިންނަށް މިކަން ފަސޭހައެއް ނުވެދާނެ.