10:38

ބިންހެލުމުގެ ސަބަބުން ތުރުކީން މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި. އެހެންކަމުން ތުރުކީ އާއި ގްރީސް އަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 28 އަށް ވަނީ އަރާފައި. މިބިންހެލުމުގައި ގްރީސް އިން މަރުވީ ދެކުދިން. އެއީ ފުރާވަރު އުމުރުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް. އެކުދިން މަރުވީ އެކުދިންގެ ގައިމައްޗަށް ފާރެއް ވެއްޓުމުން.

07:07

މިހާތަނަށް އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ވަނިކޮށް 70 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ ކަމަށް ތުރުކީގެ އިދާރާތަކުން ބުނޭ. އަދިވެސް އިތުރު މީހުން އިމާރާތްތަކުގެ ދަށުގައި ވެދާނެ ކަމަށް ޤަބޫލު ކުރެވޭތީ ރެސްކިއު ޓީމުތަކުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން.

07:06

ބިންހެލުމުގެ ސަބަބުން ތުރުކީން ޒަޚަމްވި މީހުންގެ އަދަދު މިހާރު 786 އަށް އަރާ ކަމަށް އިދާރާތަކުން ބުނެފި. އޭގެތެރޭގައި ވެއްޓުނު އިމާރަތްތަކުގެ ދަށުން ސަލާމަތްކުރި މީހުންވެސް ހިމެނޭ.

07:05

ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމެންޓް އޮތޯރިޓީން ބުނެފައިވާ ގޮތުން ބިންހެލުން އައުމަށްފަހު އެޤައުމަށް އައި ލޮޅުންތަކުގެ އަދަދު 80 އަށްވުރެ ގިނަވާނެ. މީގެ ތެރެއިން ބައެއް ލޮޅުންތަކުގެ ބާރުމިން ރެކްޓަރ މިންގަނޑުން 4.9 އަށް އަރާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައި.

07:03

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 20 އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނޭ. މީގެ ތެރެއިން 15 މީހުން މަރުވެފައިވަނީ ތުރުކީން ކަމަށް އެޤައުމުގެ އިދާރަތަކުން ވަނީ ވިދާޅުވެފައި.

07:01

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސާމޯސް ޖަޒީރާގެ ސަރަޙައްދެއް

07:00

ބިންހެލުމުގައި ތުރުކީން ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ

07:00

ތުރުކީއަށް ބިންހެލުމުގައި ލިބުނު ގެއްލުން: އިމާރާތެއް ބިމާއި ހަމަވެފައި

06:59

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސާމޯސް ޖަޒީރާގެ ސަރަޙައްދެއް

23:16

ބިންހެލުމުގެ ސަބަބުން ތުރުކީން ޒަހަމްވި މީހުންގެ ތެރެއިން ފަސް މީހެއްގެ އޮޕަރޭޝަން ކުރިއަށްދާ ކަމަށާއި އިތުރު 08 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން ގެންދާ ކަމަށް ތުރުކގެ ރައީސް ޠައްޔިބު އުރުދޮޣާން ވިދާޅުވެއްޖެ.

22:50

ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 14 އަށް އަރައިފި. މީގެ ތެރެއިން ދެކުދިންނަކީ ގްރީސް އިން މަރުވި ކުދިން. ތުރުކީން 12 މީހަކު މަރުވިކަން މިހާތަނަށް ވަނީ ކަށަވަރުވެފައި. ތުރުކީގެ މީޑިއާތަކުން ބުނާ ގޮތުގައި 419 މީހަކު ވަނީ ބިންހެލުމުގެ ސަބަބުން ޒަހަމްވެފައި.

21:41

ތުރުކީއަށް އައި ބިންހެލުމުގައި ބަޔަކު މަރުވުމުން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ތުރުކީގެ ހާރިޖީ ވަޒީރު މެވްލޫތު ޗައުޝޯލޯ އަށް ތައުޒިއާ ވިދާޅުވެއްޖެ. މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއުނދަގޫ ވަގުތު އޭނާގެ ހެޔޮ ދުއާ ވަނީ ތުރުކީ ރައްޔިތުންނާއި އެކުގައި ކަމަށް.

20:48

ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތެއްގެ ދަށުވެ ގްރީސްގެ ސަމޯސްގައި ފުރާވަރު އުމުރުގެ ދެކުއްޖަކު މަރުވެފައިވާ ކަމަށް ގްރީސްގެ މީޑިއާތަކުން ބުނެފި. އެ ރަށުގައިވެސް މީހުން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުން. ބިންހެލުމުގެ ސަބަބުން އަނިޔާވި އަށް މީހަކަށް ގްރީސްގެ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުން. އެއިން އެއްވެސް މީހަކަށް ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިފައެއް ނުވޭ.

20:32

މި ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު ހަ އަކަށް އަރާފައި ވާ ކަމަށް އެ ގައުމުގެ ޑިޒާސްޓަރ މެނޭޖެމެންޓްއިން ބުނެފި. އަދި އަނިޔާވި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް އަރައިފި.

20:22

ޕަބްލިކް ޓެލެވިޒަން އީއާރްޓީން ރިޕޯޓްކޮށްފައިވާގޮތުން، އެ ބިންހެލުމާއި ގުޅިގެން ކުޑަ ސުނާމީއަށް އެރިއިރު، ސަމޯސްގެ ބައެއް އިމާރާތްތަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައި، ބައެއް ގެތަކުގެ ފާރުތައް ވެއްޓުނުއިރު، ޕޯޓްއަށް ވަނީ ފެންވަދެފައި.

20:21

ސަމޯސްގެ ހޮސްޕިޓަލަކުން ބުނީ، އެ ބިންހެލުމާއި ގުޅިގެން ކުދިކުދި އަނިޔާތައް ވި ހަތަރު މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް.

19:57

މި ބިންހެލުމުގެ އަސަރު ގްރީސްގެ ވެރިރަށް އެތަންސްއަށް ކޮށްފައިވޭ.

"އަހަރުމެންނާއި ހަމައަށް މީގެ ކުރިންވެސް ބިންހެލުންވެސް އައިސްފައިވޭ. އެކަމަކު މިވަރަށް ދިގުދެމިގެން ދިޔަ ބިންހެލުމެއް އަދި ނާދޭ" އެތަންސްގެ ސްކޫލް ކައުންސެލިން ކޯޑިނޭޓަރ އަންނަ މަކްރިސް އަލްޖަޒީރާއަށް ބުނި.

"އަހަރުމެން މިހާރު ބިރު ގަންނަނީ އިތުރު ލޮޅުންތައް އަންނަމުން ދާތީ." އޭނާ އިތުރަށް ބުނި.

19:41

ތުރުކީގެ އިންޓީރިއާ މިނިސްޓަރ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އިޒްމީރްގެ ހަ އިމާރާތެއް އެއްކޮށް ބިމާއި ހަމަވެފައިވާ ކަމަށް ބުނެފައި. އިޒްމީރްއަކީ 4.5 މިލިއަން މީހުން ދިރިއުޅެމުންދާ ސިޓީއެއް.

19:39

އެ ބިންހެލުމާއިއެކު އާއްމުން ވަނީ އިޒްމީރްގެ މަގުމައްޗަށް އެއްވެފައި. މަންޒަރު ދުށް މީހަކާއި ހަވާލާދީ މީޑިއާތަކުން ބުނީ، އެ ސިޓީގެ ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައި. ބައެއް މީހުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ މަތިން ގޮސް އަމިއްލަ ރައްކާތެރިކަމައިގެން އުޅެމުން. އެ ސަރަހައްދުގެ ބައެއް ތަންތަނުން ދުމުގެ އަސަރުވެސް ކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނޭ.

 

19:35

ތުރުކީ އާއި ގްރީސްއަށް 7.0 މެގެނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާއި ގުޅިގެން ދެގައުމަށްވެސް އެހީތެރިވާން ތައްޔާރަށް ހުރިކަން ފްރާންސް އިން ހާމަކޮށްފި.

19:17

ބިންހެލުމަށްފަހު ތުރުކީއަށް ލިބުނު ގެއްލުންތައް.
ބިންހެލުމަށްފަހު ތުރުކީގައި އާއްމުން
ބިންހެލުމަށްފަހު ތުރުކީއަށް ލިބުނު ގެއްލުންތައް.

19:14

އިޒްމީރްގެ މޭޔަރ ޓުންކް ސޮޔާ ވިދާޅުވީ، މިހާތަނަށް 20 ވަރަކަށް އިމާރާތް ބިމާއި ހަމަވެފައިވާކަމަށް. އަދި އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް. އަދި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް.

19:11

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ތުރުކީ އާއި ގްރީސްއަށް އައި މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައި. އަދި 120 މީހަކަށް ވަނީ ގެއްލުންވެފައި،


މިއަދު ތުރުކީ އާއި ގްރީސްއަށް އައި 7.0 މެގެނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާއެކު ދެ ގައުމަށްވެސް މި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ބިންހެލުން އައިސްފައިވަނީ ތުރުކީ އާއި ގްރީސް އާއި ދެމެދުގައި އޮންނަ އޭގަން ސީ އަށެވެ. ތުރުކީގެ އައްސޭރިން 17 ކިލޯމީޓަރު ދުރު ސަރަޙައްދަކަށް އައި މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 16 ކިލޯމީޓަރު އަޑިން ކަމަށް ބިންހެލުންތައް މޮނިޓާކުރާ އިދާރާތަކުން ބުނެއެވެ.