ކުންފުންޏަކުން ނުވަތަ މުއައްސަސާއަކުން ސްޕޮންސަރ ކޮށްގެން، ވަކި މަސައްކަތަކަށް ނުވަތަ ޓްރެއިނިންގްއަކަށް ނުވަތަ އެފަދަ އެހެން ކަމަކަށްޓަކައި، ރާއްޖެއިން ބޭރުން އަންނަ މީހުން ނުވަތަ މާލޭގައި ދިރިއުޅޭ މީހުން ނުވަތަ ކޮވިޑް-19 ފެތުރިފައިވާ ރަށަކުން ރަށަކުން، ބަލި ފެތުރިފައިނުވާ އެހެން ރަށަކަށް، 10 މީހުންނަށް ވުރެ ގިނަ މީހުން އެކުގައި ކަރަންޓީނުވެ ތިބުމަށް ހަމަޖައްސައިގެން ފުރަބަންދު ކަރަންޓީނަށް ދާނަމަ، އަދި ކަރަންޓީނު ވެގެން ތިބޭނީ ގިނަ މީހުން އެއްކޮށް އެއް ކޮޓަރިއެއް ނުވަތަ ޑޯރމިޓަރީ ނުވަތަ ބެލެކްސްއެއްގައި ނަމަ، އަމަލު ކުރަން ޖެހޭ އުސޫލު އެޗްޕީއޭ އިން އާއްމު ކޮށްފިއެވެ.

މިއުސޫލު ބުނާ ގޮތުން ރާއްޖޭގައި އުޅޭ ދިވެހިންނާއި ބިދޭސީން ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ދާނަމަ، ފުރުމުގެ 72 ގަޑިއިރުގެތެރޭގައި ޕީ.ސީ.އާރް ޓެސްޓު ހަދަން ޖެހޭނެއެވެ. އަދި މިގޮތަށް ދާނަމަ ނެގެޓިވް ޕީ.ސީ.އާރް ނަތީޖާއެއް އޮންނަން ޖެހޭނެއެވެ. ހުން އައުން، ކެއްސުން ފަދަ ކޮވިޑް-19ގެ އަލާމާމްތައް ހުރި ފަރާތެއް ނަމަ، ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވި ކަމުގައިވިޔަސް، ދަތުރުނުކޮށް މަޑުކުރަންވާނެ ކަމަށާއި އަދި ދަތުރުކުރަންވާނީ އަލާމާތްތައް އެއްކޮށް ރަނގަޅުވުމަ މަދުވެގެން 48 ގަޑިއިރު ވުމަށްފަހުގައި ކަމަށް ވެސް މިރޭ އާއްމު ކުރި އުސޫލުގައި ބުނެފައި ވެއެވެ.

ކަރަންޓީނުވާންދާ ފަރާތްތަކުގެ ބެލެނިވެރި ކުންފުނި ނުވަތަ މުއައްސަސާއިން، [email protected] އަށް ދަތުރުކުރަން ބޭނުންވާ މީހުންގެ ތަފްސީލާއި ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާ ފޮނުވަން ޖެހޭނެއެވެ. މީގެ އިތުރުން ދަތުރު ކުރުމުގެ ކުރިން ފުރަބަންދު ހާލުބެލުން ޕޯޓަލް ގައި ރަޖިސްޓްރީވެ، ފުރަބަންދު ކަރަންޓީނަށް ދިއުމަށް ހޯދަން ޖެހޭ ހުއްދަތައް އޮންނަ އުސޫލުން ހޯދަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

ކަރަންޓީނުވާން ދާ ފަރާތްތަކަށް، ދަތުރުމަތީގައާއި ކަރަންޓީނުގައި ތިބޭ އިރު އަމަލުކުރަން ޖެހޭގޮތުގެ މައުލޫމާތު، ފުރުމުގެ ކުރިން ވަޒީފާދިން ފަރާތުން ނުވަތަ އެބައެއްގެ ބެލެނިވެރި ފަރާތުން ފޯރުކޮށްދޭން ވާނެ ކަމަށާއި ފުރަބަންދަށްދާ ފަރާތްތަކުގެ ބެލެނިވެރި ފަރާތުން، ފުރަބަންދުގައި ތިބޭ ފަރާތްތައް އުސޫލުތަކާއި އެއްގޮތަށް އަމަލުކުރޭތޯ، އަދި ކަރަންޓީނުވާން ޖެހޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަވެފައިވެތޯ ކަށަވަރުކުރަންވާނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ކަރަންޓީނުވާން ގެންދާ މީހުންނާއި ހަވާލުވާނެ ސުޕަރވައިޒަރެއް ނުވަތަ ބެލެނިވެރި ފަރާތެއް ހުންނަންވާނެ ކަމަށާއި އަދި ކަރަންޓީނުވާން ކަނޑައަޅާފައިވާ ތަނަކީ އެޗް.ޕީ.އޭގެ މިންގަނޑުތަކާ އެއްގޮތަށް ހުރިތަނެއްތޯ ބަލާ ޗެކް ކުރަންވާނެ ކަމަށް ވެސް އެޗްޕީއޭގެ އުސޫލުގައި ބުނެފައި ވެއެވެ.

"ކަރަންޓީނުވެ ތިބޭއިރު، މަދު މީހުން އެއްތަނެއްގައި ތިބޭގޮތަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށް ސަމާލުކަން ދޭންވާނެއެވެ. ގިނަ މީހުން އެއްކޮށް ކަރަންޓީނުވެފައި ތިބުމުން އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތުބޮޑުވެއެވެ. އަދި އެއްކޮށް ގިނަ ބަޔަކުތިބުމުގެ ސަބަބުން އެތަނުން މީހަކު ފައްސިވެއްޖެނަމަ ގިނަ ޢަދަދެއްގެ މީހުންތަކެއް ކޮންޓެކްޓުންނަށްވެ އަދި ގިނަ މީހުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކުރަންޖެހެއެވެ." އުސޫލުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކަރި

    ޔަގީން ކޮންމެސް މަތީމީހެއްގެ ތިމާގެ ބަޔަކު އަންނަނީ ކޮންމެސްތާކުން. އެޗްޕީއޭއިން ރައްޔިތުމީހާއަށް ބަލާވެރިކަމަކަށްވާ ކަމެއް ނޫނީ ނުކުރާނެ. ކޮންމެސް ނުބައެއް އޮންނާނެ މިކަމުގަ ފޮރުވިފަ

    16
    4