މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖެ އިން އިތުރު 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްޕީއޭ އިން ދެންމެ އާއްމުކުރި މައުލޫމާތުތައް ބުނާ ގޮތުގައި މިއަދު މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވީ އަށް މީހުންނެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުން ދެމީހުން، ރިސޯޓްތަކުން ތިން މީހުން އަދި ރިސޯޓް ތަރައްޤީ ކުރަމުންދާ ރަށަކުން މިއަދު އެކަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

މިއަދަކީ ޖުލައި މަހުގެ 08 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މަދުވި ނަމަވެސް މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓް ކުރި ސުންކު (ސާމްޕަލް)ގެ އަދަދު އިއްޔެ ޓެސްޓް ކުރި ސުންކަށްވުރެ ގިނައެވެ. އިއްޔެ ޓެސްޓް ކުރީ 1538 ސުންކުއެވެ. ނަމަވެސް މިއަދު 1816 ސުންކު ޓެސްޓް ކޮށްފައި ވެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 32 މީހުން މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެއާއިއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1178 އަށް އަރާފައެވެ.

ރާއްޖެ ގައި ކޮވިޑް-19 ޖެހިފައި 1113 މީހުން މިހާރު ވެސް އެބަތިއްބެވެ. އޭގެ ތެރެއިން 92 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 46 މީހުން ވަނީ ނިޔާވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެކްޓް

    ތި ކިޔާ އެއްޗަކާ ވަަ ގޮތަކާ ދިމޭތޯ އެބަ ބަލަންތޯ!!

  2. މމނ

    މީ ކިހިނެއް ވާކަމެއް .. އެއްދުވަހު 100 އެބޯވް.. އަނެއް ދުވަހު ބިލޯ 15 ގަބޫލް ކުރެވޭ ޕެޓާރން އެއް ނޫން މީކީ..