މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއާއިއެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 13011 އަށް އަރާފައެވެ.

މިއަދު މާލޭ ސަރަހައްދުން 15 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. ދެން ދެމީހަކު މިއަދު ފައްސިވީ ރިސޯޓަކުންނާއި މީހުން ދިރިއުޅޭ ރަށަކުންނެވެ.

މިއަދު 37 މީހަކު ވަނީ ކޮވިޑް-19 އިން ރަނގަޅު ވެފައެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ 11939 އަށް ވަނީ އަރާފައެވެ. ކޮވިޑް-19 ބަލިމީހުންގެ ގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ 1019 މީހުންނެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހަށް ފަހު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު މިހައި ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

ނަމަވެސް މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިއްޔެއަށްވުރެ އިތުރު ވެފައެވެ. އިއްޔެ 94 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައިރު މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 95 އަށް އިތުރު ވެފައެވެ.

މިއަދު 17 މީހަކު ކޮވިޑް-19 އަށް ފައްސިވީ 1499 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް 46 މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އެންމެ ފަހުން މީހަކު ނިޔާވީ ނޮވެމްބަރ 22 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު