ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އިއްޔެ ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިން ވަނީ އިއްޔެގެ 11:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައެވެ.

މި ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައި ކަމަށާއި އަދި އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ބޯޓުގައި 6 ފަޅުވެރިން ތިއްބިކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މަސްބޯޓެއް ކަމެއް އެމްއެންޑީއެފް އިން ވިދާޅެއް ނުވެއެވެ.

ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން މި މަސްބޯޓު މިހާރު ދަނީ މާލެ އަށް ދަތުރު ކުރަމުންނެވެ. މި ބޯޓަށް މާލެ އަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރާއްޖޭގެ ހިވާގި މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަކޮށް ޝުކުރު ދަންނަވާކަމަށާއި އިއްޔެ ބޭރުގެ އެ މަސްބޯޓް ފެނިގެން ރިޕޯޓް ކުރި "އަސުރުމާ 03" ދޯނީގެ ކެޕްޓަނަށާއި ހީވާގިފަޅުވެރިނާއި އަދި ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް ދެއްވި އެއްބާރުލެއްވުމަށް މި ފުރުސަތުގައި ޝުކުރުދަންނަވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅޭ މަސްބޯޓްތައް ދޭތެރެ ދޭތެރެއިން އަތުލައިގަނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީޒްލީ

    އިންޑިޔާ އެއްޗެއްވީމަ ނުބުނީ، މާދަމާ ޖެހޭނީ ދޫކޮއްލަން!

    16
    1
  2. ތުއްތަ

    މީދޯ ތޫފާން އަރާނޭވ ބުނެ ހަބަރުފެތުރިކަމަކީވ.

    18
    1
  3. ގޮނޑި ކޮއްކޮ ސަރުކާރު

    ކޮބާ ރާޑަރތައް؟؟؟؟