ކޮވިޑް-19 ޖެހިގެން އިއްޔެ ދުނިޔެ އިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ދުނިޔެ އިން 12376 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އެހެންކަމުން އިއްޔެ އަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ނޮވެމްބަރ 25 ވަނަ ދުވަހު އެވެ. އެދުވަހު 12267 މީހަކު މަރުވިއެވެ.

އިއްޔެ 634970 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އިއްޔެ އަކީ ފާއިތުވި ހަދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އިއްޔެ އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެމެރިކާ އާއި ބްރެޒިލްގެ އިތުރުން އިންޑިއާ އާއި ތުރުކީވިލާތުންނެވެ. ވަކިވަކި ބައްރުތަކަށް ބަލާއިރު އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީ ޔޫރަޕުންނެވެ. ޔޫރަޕްގެ ގައުމުތަކުން މަރުވި މީހުންގެ އަދަދު 5300 އަށް ވުރެ ގިނައެވެ.

މިހާރު ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ޖުމްލަ އަދަދު 64.8 މިލިއަނަށް އަރައެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން 1.49 މިލިއަން މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ލިބި އާއްމުކޮށް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ މަރުހަލާގައި އޮތްނަމަވެސް ގިނަ ގައުމުތަކުގެ ހާލަތު އޮތް ގޮތުންނާއި ގިނަ ބަޔަކަށް ވެކްސިން ދިނުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހާލަތު މާއަވަހަށް ރަނގަޅު ވެދާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު