މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 69 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން 35 މީހުން ފައްސިވީ މާލެއިންނެވެ. މިއަދު މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުން އަށް މީހުން އަދި ރިސޯޓްތަކުން 26 މީހުން ވަނީ ފައްސިވެފައެވެ.
މިއަދު 69 މީހަކު ފައްސިވެފައި ވަނީ 3330 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 26 މީހުންނެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މިއަދު އިރުއޮއްސުމާއި ހަމައަށް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 960 އަށް އަރާފައެވެ. މިއަދަކީ ޑިސެމްބަރ މަހުގެ 02 ވަނަ ދުވަހަށްފަހު އެކްޓިވް ކޭސްތަކުގެ އަދަދު މިހައި މައްޗަށް ދިޔަ ފުރަތަމަ ދުވަހެވެ.
ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު 74 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށީ ޑިސެމްބަރ މަހުގެ ފަހުކޮޅުން ފެށިގެންނެވެ. މިހާރު ކޮންމެ ދުވަހަކު މާލެ އިން ފައްސިވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.