ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1،440 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ބަލި ފެތުރިފައި އޮތް މެކްސިކޯ އިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 147,614 މީހުން ވަނީ މަރުވެފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 21,007 މީހުންނެވެ.

އަދި މިހާތަނަށް އައި އިރު، ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 1,732,290 މީހުންނެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ މެކްސިކޯއިންނެވެ. އެ ގައުމުން ބަލި ޖެހިގެން 1,291,940 މީހުން ރަނގަޅުވި އިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 292,736 މީހުންނަށެވެ. ސީރިއަސް ހާލަތުގައި 5,652 މީހުން އެބަތިބިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 98 މިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ. މި ބަލި ޖެހިގެން ދެ މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 70 މިލިއަނަށް ވުރެ ގިނަ މީހުން ބަލި ޖެހިގެން ވަނީ ރަނގަޅުވެފައެވެ.