އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 1،348 މީހަކު މަރުވެއްޖެއެވެ.

އިނގިރޭސިވިލާތުން އިތުރު 1،348 މީހަކު މަރުވެފައިވާއިރު، ފާއިތުވި ހަތަރު ދުވަހުވެސް އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 1،000 އިން މަތީގައެވެ. އެގޮތުން އިއްޔެވެސް އެގައުމުން 1،401 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އިނގިރޭސިވިލާތަކީ ދުނިޔެއިން ފަސް ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 20،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސްހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސްހިސާބުތަކުގައި ދައްކާގޮތުގައި އެގައުމުން ކޮވިޑް-19 ޖެހިގެން ޖުމްލަ 97،329 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެގައުމުން އެއްދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ މިމަހުގެ 20 ވަނަ ދުވައެވެ. އެދުވަހު އެގައުމުން 1،820 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

އެ ގައުމުން އިތުރު 33،552 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިހާތަނަށް އެގައުމުން އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 68،053 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,617,459 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް 1,616,307 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 1,903,823 މީހަކަށެވެ. އޭގެ ތެރެއިން 4,076 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ބަލި ވެގެން ނުވަތަ އައިސީޔުގައެވެ.

ކިޔުންތެރިންގެ ހިޔާލު