ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 1،631 މީހަކު މަރުވެ، ޖުމްލަ މި ބަލީގައި މަރުވި މީހުންގެ އަދަދު އެއްލައްކައަށް އަރައިފިއެވެ.

އެގައުމުން އިތުރު 1،631 މީހަކު މި ބަލި ޖެހިގެން މަރުވެފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި މި ބަލި ޖެހިގެން މަރުވި މީހުން މީހުންގެ އަދަދު އުޅެނީ 500 އިން މަތީގައެވެ. އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން މަރުވެފައިވަނީ 100،162 މީހެކެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހަކު މަރުވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،820 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އެގައުމުން ކޮވިޑް-19 އަށް އިތުރު 20،089 މީހަކު ވަނީ ފައްސިވެފައެވެ. މިއާއި އެކު އެގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3،689،746 އަށް އަރާފައެވެ. އެގައުމުން އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 68،053 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ކޮވިޑް-19 އެގައުމުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ އެގައުމުގައި ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ. އެހެންނަމަވެސް އެގައުމުގައި ވެކްސިން ދިނުމުގައި ދަތިތަކެއް ހުރިކަން އެގައުމުން ވަނީ ފާހަގަ ކޮށްފައެވެ.

219 ގައުމަކާއި ސަރަހައްދެއް ހިމެނޭ ގޮތަށް ކޮވިޑް-19 ފެތުރިފައިވާއިރު، އިނގިރޭސިވިލާތަކީ މި 5 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. އެގައުމުން ކޮވިޑް-19 ޖެހިގެން މިހާތަނަށް 1،648،218 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު މި ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 1،941،366 މީހަކަށެވެ. އޭގެ ތެރެއިން 4،032 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ދެރަވެގެން ނުވަތަ އައިސީޔޫގައެވެ.