ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އައި އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ވުމަށްފަހު އަނެއްކާވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

މިއަދު އިންޑިއާ އިން 17,106 މީހުން ކޮވިޑް-19 އަށް ފައްސިވެ 144 މީހަކު ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ. މިއަދަކީ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން އިންޑިއާ އިން ކޮވިޑަށް ފައްސިވި އަދި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމާއިއެކު އެގައުމުގައި ބަލި ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު ސެޕްޓެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން ދުވަހުން ދުވަހަށް ދަށަށް ދިއުމަށް ފަހު މިމަހުގެ 12 ވަނަ ދުވަހަށް ފަހު އަނެއްކާ ވަނީ އެކްޓިވް ކޭސްތަކުގެ އަދަދު އިތުރުވާން ފަށާފައެވެ.

އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައި ވާއިރު އިންޑިއާ ސަރުކާރުން މިހާރު ވަނީ ކުރިން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިތައް ވެސް ދޭން ފަށާފައެވެ.

މިހާރު ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އަދި އިތުރު ހަރުކަށި ފިޔަވަޅެއް އަޅާނެކަން އިންޑިއާ ސަރުކާރުން އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ކޮވި ޝީލްޑް މަތިމައްޗައް އެޅީމަވެސް ވާވަރެވެ!