އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ ބްޑިސްޓުން ފިޔަވައި މުސްލިމުންނާއި އެހެން ހުރިހައި ދީނެއްގެ މީހުން ވެސް ވަޅުލާން ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާ ސަރުކާރުން މިހާތަނަށް އައީ ކޮވިޑް ޖެހިގެން މަރުވާ އެންމެންގެ ހަށިތައް ވެސް އަންދަމުންނެވެ. ސްރީލަންކާ ސަރުކާރުން ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުން މަނާކޮށް އަންދަމުން ގެންދާތީ އދ.އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ އެތައް ޖަމިއްޔާއަކާއި އެތައް ގައުމަކުން ވެސް ވަނީ ތަކުރާރުކޮށް އެކަން ކުށްވެރިކޮށްފައެވެ.

އަދި ސްރީލަންކާގެ މުސްލިމުންނާއި ކްރިސްޓިއަނުން އައީ ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އެންދުމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

ސްރީލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ސްރީލަންކާގައި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރަށް މަޝްވަރާދޭ ޓެކްނިކަލް ކޮމެޓީން ވަނީ ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިތައް ވަޅުލުމުގެ ހުއްދަ މިހާރު ދީފައެވެ.

ޓެކްނިކަލް ކޮމެޓީގެ މިހުއްދަ އާއިއެކު ހެލްތު މިނިސްޓަރ ޕަވިތުރާ ވަނިއަރަޗީ ވަނީ ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ހުއްދަ ދިންކަން އަންގާ އިއުލާން މިރޭ ގެޒެޓް ކުރަން ނިންމާފައެވެ.

ކޮވިޑް ޖެހިގެން މަރުވާ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖެއަށް ގެނެސް ރާއްޖޭގައި ވަޅުލުމަށް ވެސް މީގެ ދެތިން މަސް ކުރިން މަޝްވަރާ ކުރެވުނެވެ. އެމަޝްވަރާތައް ފެށުނީ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖެއަށް ގެންނަން ދިވެހި ސަރުކާރުން ލަންކާ ސަރުކާރުގައި އެދުމުން ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް މަރުވާ މީހުންގެ ހަށިތައް ރާއްޖެ ގެނައުމާއި ދެކޮޅަށް ވަރަށް ގިނަ ބަޔަކު ވާހަކަދެއްކުމުން އެނިންމުމަށް އަމަލު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަހުތާނު އަހުމަދު

    ލަންކާގެފެންފަށަލައަށް ކިހިނެއްބާ ވާނީ ؟

    7
    1
  2. ހަސަނު

    ޝއަލްޙަމްދުލިﷲ...

    9
    2
  3. ނުރަބޯ

    އިމްރާން ޚާންގެ ދަތުރުގެ ފައިދާ. އަލްޙަމްދު ލިއްލާހި

    7
    2
  4. reethi moosa

    alhamdhulihlaah

    7
    1