މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 186 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 152 މީހުން ފައްސިވީ މާލެ އިންނެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުން 23 މީހަކު އަދި ރިސޯޓްތަކުން އިތުރު ދިހަ މީހަކު މިރޭ ފައްސިވިއެވެ. ސަފާރީއަކުން ވެސް މިއަދު އެކަކު ފައްސިވެފައި ވެއެވެ.

މިއަދު ފައްސިވި މީހުންނާއިއެކު މިހާރު ރާއްޖޭގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 2567 އަށް އަރާފައެވެ. އޭގެތެރެއިން 181 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 19،979 އަށް އަރާފައެވެ. މިއަދު 94 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 17،343 އަށް އަރައެވެ.

މިއަދު 186 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ 4247 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 62 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުގާ

    ސާބަހޭ އެޗުޕީއޭ. ކަލޭމެން އެމްޑީޕީ ސަރުކާރާ އެކީ ކުޅޭ ސިޔާސީ ނާޗަރަންގީގެ ނަތީޖާ މިހިރަ ފެންނަނީ.