ކޮވިޑް-19 އާ ގުޅިގެން ގއ.ދެއްވަދޫ އަށް އަނެއްކާވެސް އަރައި ފޭބުން މަނާ ކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެރަށް މީގެ ކުރިން މޮނީޓަރިންގއަށް ލާފައި ވަނީ ޖެނުއަރީ ހަތް ވަނަ ދުވަހު އެވެ. އެ ރަށުގެ މޮނީޓަރިންގ ހާލަތު އުވާލީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.

އެރަށް އެންމެ ފުރަތަމަ މޮނީޓަރިންގއަށް ލީ ދެއްވަދޫއަށް ކޮވިޑް-19 ފެތުރުނުކަން އެނގިގެން ގޮސްފައި ވަނީ ޑިސެންބަރު މަހު 24ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ފައްސިވި ފަހުންނެވެ. އެރަށުން ފަހުން ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައި ވެއެވެ. އަދިއެރަށުން ގިނަބަޔަކު ފައްސިވެެސް ވެފައި ވެއެވެ.

އޭގެ ފަހުން އެރަށުން 69 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

އެރަށަށް އަރައި ފޭބުން އަނެއްކާވެސް މަނާ ކޮށް އެޗްޕީއޭ އިން މިރޭގެ ވަގުތެއްގައި އެރަށު ކައުންސިލަށް ވަނީ ލިޔުން ފޮނުވާފައެވެ. އެ ލިޔުން ފޭސްބުކްގައި ހިއްސާކޮށް އެރަށު ކައުންސިލުން ބުނީ، ފައްސިވި މީހަކާއި ގާތުން އެއްތާވި ބަޔަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާތީ އެރަށް މޮނީޓަރިންގއަށް ލީ ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ރާއްޖޭގައި މިހާރު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 2500 އަށްވުރެ ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު