ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު ނިޔާވެފައި ވަނީ އުމުރުން 78 އަހަރުގެ ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 64 އަށް އަރައިފައެވެ. އެގޮތުން މި އަހަރުގެ ތެރޭގައި އެކަނި ވެސް 16 މީހަކު ނިޔާވެފައިވެއެވެ. އެއީ ޖެނުއަރީ މަހު ނިޔާވި ހަތަރު މީހަކާއި މިދިޔަ މަހު ނިޔާވި 10 މީހަކާއި މި މަހުގެ މިހާތަނަށް ނިޔާވި ދެ މީހުން ހިމަނައިގެންނެވެ.

މިހާތަނަށް ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި އަށް ބިދޭސީންނެވެ.

ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، މިވަގުތު ބަލީގައި 2،615އަށް ވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. އަދި ކޮވިޑް-19 ގެ ވެކްސިން ޖެހި މީހުންގެ އަދަދު މިހާރު ވަނީ އެއް ލައްކަ އަށް ވުރެ މައްޗަށް އަރައިފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކޮވިޑްގެ ވޭދަނަތައް އިތުރުވާން ފެށުމާ އެކީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

އެގޮތުން މާލެ ސަރަހައްދުގައި އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމާއި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރަށް ނުކުމެ އުޅުން މަނާ ކުރުން ހިމެނެއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

އެކަމަކު، މި ފިޔަވަޅުތަކާ އެކީގައި ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށެއް ނުވެއެވެ. އެހެންވެ، އެޗްޕީއޭގެ ވިސްނުމަކީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމެވެ. އެކަމަކު، ފިޔަވަޅުތައް ވަރުގަދަ ކުރާނެ ވަކި ދުވަހެއް އެޗްޕީއޭ އިން އަދި ނުނިންމައެވެ.

ރާއްޖެ އަށް ކޮވިޑްގެ ތިން ވަނަ ރާޅެއް އަރާފައިވާ ކަމަށް ސިއްހީ މާހިރުން ބުނަމުންދާ އިރު، މީގެކުރިން އެރި ދެ ރާޅަށް ވުރެ ތިން ވަނަ ރާޅުގެ ނުރައްކާ ބޮޑެވެ. މި ނުރައްކާތެރިކަން އޮތް ނަމަވެސް މާލެ ސަރަހައްދުގައި މީހުން ބޭރުގައި އުޅުން މަދެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޭޗާރާ

    ދެން ވަރުގަދަކުރާނެ ކަމެއް ނެތް. ދެން ވަރުއަރުވާ. ވަރުގަދަކޮށްގެން ނޭވާ ހޮޅިންނާއި ނޭވާލާ އޮކްސިޖަންކޮޅުން ވާވަރުވެއްޖެ ކަމަށް ވަރަށް ގިނަ ޚަބަރުތައް ލިޔެފި. ދެން އޮންނާނީ ވަރުއަރުވާފައި ކޮމިޝަން ހަދާފައި ސަޅިބައިސާ ބުރުއްސާފައި އެކަން ބަލާފައި ޖީބު ބަރުކޮށްލުން. ވަލްހަމްދުލިއްލާހި.

  2. ނަސީ

    ޖަހާލިނަމަ އުމުރު

  3. އަދީ

    މީ އަޅުގަނޑު ގެ ޙިޔާލު ނިކަމެތި ޚާލުގަ އުޅޭ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބޯހިޔާ ވަހިކަން
    ސަރުކާރުން ފޯރުކޮއްދޭން ޖެހޭ އަސާސީ ޚައްގެއް

  4. Anonymous

    އަދިވެސް ބުނޭ ތި އެރޭ ބޭރޭ ބުރާންޗޭ މެން މިއީ އާދައިގެ ކަމެކޭ.. މަގޭ އައިލާގަ މިތިބީ ހުސް ހައި ރިސްކު މީހުން.. ކައެ މެންނާއި ހެދި އެމީހުންގެ ފުރާނަ ވެސް ނުރައްކަލަކަށް ތި ވައްޓާލެވެނީ.

    ސްޓޭ އިންޑޯރސް ޕީޕަލް ☹️☹️
    انا لله و انا اليه رجعون

  5. ގެރި

    ސޯލިހު ޖެހޭނެ ޒިންމާ ނަގަން.. ކުރީގަ ކަމެއް ވާ އިރަށް އެމްޑީޕީ އެއްޗެހިން ހީވާނީ ރައީސް ޔާމިން ބޮލުގަ އަޅުވާއިރު ގެރިކޮށްޓަކަށް ކާން އެޅީމަވާ ހެން