ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 3600 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބްރެޒިލް އިން މިދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް 3687 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 358,718 އަށް އަރާފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ދުނިޔެއިން އެންމެ ގިނަ ބަޔަކު، ކޮވިޑް-19 ގައި މަރުވި ޤައުމަކީވެސް ބްރެޒިލް އެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއްނެތި އިތުރުވަމުންނެވެ.

ކޮވިޑް-19 ޖެހިގެން އިއްޔެ ބްރެޒިލް އިން އެތައް ސަތޭކަ ބަޔަކު މަރުވެފައި ވާއިރު، އެޤައުމުން އިއްޔެ އެކަނިވެސް 80000 އަށްވުރެ ގިނަ މީހުން އަލަށް މިބައްޔަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 13,601,566 ގައެވެ. އެޤައުމަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއިން އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބްރެޒިލް އިން މިހާތަނަށް މިބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 12 މިލިއަން މީހުންނެވެ. އަދި މިވަގުތު ފަރުވާދެމުންދާ 1.1 މިލިއަން މީހުންގެ ތެރެއިން 8300 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ވަރަށް ބޮޑަށް އިތުރުވެގެން ހިނގައިދާނެކަމުގެ ބިރު އެބައޮތެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 137 މިލިއަނަށް އަރާފައިވާއިރު، އޭގެތެރެއިން 2.9 މިލިއަން މީހުން ވަނީ މަރުވެފައެވެ.