"ހަވީރު" ނޫހުގެ ޗެއާމަން އަދި ދިވެހި ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު މިއަދު އަވަހާރަވެއްޖެއެވެ.

ނާއިލާ އަކީ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަލްމަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނުގެ ދޮށީ ދަރިކަނބަލުންނެވެ. އުމުރުން 72 އަހަރުގައި ނާއިލާ އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އޭޑީކޭ ހޮސްޕިޓަލްގައެވެ.

ނާއިލާ ޒާހިރު ހުސައިން އާ ކައިވެނި ބައްލަވައިގަތީ 1972 ވަނަ އަހަރުއެވެ. އެ ކައިވެންނަށް ދެ ދަރިކަނބަލުންނާއި ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެއީ "މިހާރު" ގެ އެގްޒެކެޓިވް ޑިރެކްޓަރު ވާއިލް ޒާހިރު ހުސައިނާއި މީރާ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަން ލީނާ ޒާހިރު ހުސައިނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިނެވެ.

ނާއިލާ އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ.

ސްރީލަންކާ އާއި ނިއުޒީލޭންޑުން ކިޔަވާ ވިދާޅުވި ނާއިލާއަކީ ވަރަށް ގިނަ މީހުންނަށް އުނގަންނައި ދެއްވި މަޝްހޫރު ޓީޗަރެކެވެ. އިނގިރޭސި އާއި ހިސްޓްރީ ޓީޗަރެއްގެ އިތުރުން އަމީނިއްޔާ ސްކޫލްގައި އެތައް ޒިންމާއެއް 25 އަހަރު ވަންދެން އޭނާ އުފުއްލެވިއެވެ. އޭނާ އުނގަންނައި ދިން ބޭފުޅުން މިއަދު އެކިއެކި ދާއިރާތަކުގައި އިސް ސަފުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ ދާއިރާ އާއި ތައުލީމީ ދާއިރާ ވެސް ހިމެނެއެވެ.

އޭނާ އަކީ މޮޅު ކައްކާއެއްވެސް މެއެވެ. ކެއްކުމާ ގުޅޭ ބައެއް ފޮތްތައް ވެސް ނާއިލާ ލިޔުއްވާފައިވެއެވެ. ގިނަ ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރައްވާނެ ގޮތް ގެނެސްދެއްވުމަށް ނާއިލާ މީގެ ތިރީހަކަށް އަހަރު ކުރިން ނެރުއްވި ފޮތް "ޒީނާރު"، ހަތް ފަހަރެއްގެ މަތިން ޗާޕްކުރުމުން ވެސް، (އެންމެ ފަހު ޗާޕް 2002 ގައި) ވަނީ ވިކިހުސްވެފައެވެ.

ނާއިލާގެ ފަރާތުން އުނގެނިވަޑައިގެންނެވި އެއް ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފާތުމަތު ފަޒްނާ އަހުމަދެވެ. އެކަމަނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނާއިލާ އަވަހާރަވި ހަބަރު ލިބިވަޑައިގަތުމުން "ބަސް ހުއްޓިފައިވާ" ކަމަށެވެ. އޭގެ ފަހުގައި އެކަމަނާ ވަނީ އެންމެ ފަހުން ނާއިލާއާ ބައްދަލު ކުރެއްވުމަށް ފަހު ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކުރައްވައިފައެވެ.

"ނާއިލާ މިސް" ގެ ނަމުން މުހާތަބް ކުރައްވައި ފަޒްނާ ވަނީ ނާއިލާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށް ދެއްވުމަށް އެދި ދުއާ ދަންނަވައިފައެވެ.

ޒާހިރު ހުސެއިންގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.

މާލެ ސިޓީގެ އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ނާއިލާގެ ފުރާނަފުޅަށް، ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވައިފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ވެސް ދުއާ ދެންނެވިއެވެ.

ނާއިލާގެ މައްޗަށް ކަށުނަމާދާއި ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު އަސުރު ނަމާދަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    މަރްޙޫމާގެ ފުރާނަަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.
    ވ. ޚިދުމަތްތެރި ބޭކަނބަލެއް.
    އަނެއްކާ ކޮވިޑް ގައިތޯ

    53
  2. މއެސް

    މަރްޙޫމާގެ ފުރާނަަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.

    40
    1
  3. އެމް އެސް

    މަރްޙޫމާގެ ފުރާނަަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.

    29
    1
  4. ވާނުވާ

    މަރްޙޫމާގެ ފުރާނަަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.

    10
  5. ل م

    انا لله وانا اليه راجعون
    اللهم اغفر لها و ارحمها

    14
  6. އިރާޝާ

    انا لله وانا اليه راجعون

    11
  7. ޙުވަދޫ

    ބުނާނެ އެއްޗެއް ނޭނގިފަ މިހިރީ. ނާއިލާ މިސް އަށް ސުވަރުގެ މިންވަރު ކުރައްވާށި. އާމީން

    11
  8. ޝަކީލާ

    އިންނާލިﷲ ވައިންނާ އިލައިހި ރާޖިއޫން.

  9. ފަގީރު ކޮޔަ

    انا لله وانا اليه راجعون
    اللهم اغفر لها و ارحمها

  10. ޑާކް

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
    މައްޔިތާގެ  ފާފަ ފުއްސަވައި   ސުވަރުގެ މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــن.

  11. Rizaski

    انا لله وانا اليه راجعون

  12. މަގޭ މަރު

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ