ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ދިއްލީގެ ހަ ހޮސްޕިޓަލަކުން އޮކްސިޖަން ހުސްވެއްޖެއެވެ.

އޮކްސިޖެން ހުސްވެފައިވަނީ އެ ސިޓީގެ ހަ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ.

ދިއްލީގެ ހޮސްޕިޓަލްތަކުން އޮކްސިޖެން ހުސްވެގެން އެކަމުގެ ޝަކުވާ ކުރަމުން ދަނިކޮށް، އެގައުމުގެ ހައިކޯޓުން ވަނީ އޮކްސިޖެން ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމަށްވާ "އިނޮކްސް" އަށް އޮކްސިޖެން ދިނުމަށް އަމުރު ކޮށްފައެވެ. އެއާއި އެކީ ސަރަޖް ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލަށް ވަނީ ކޮންމެ ވެސް ވަރަކަށް އޮކްސިޖެން ލިބިފައެވެ.

އޮކްސިޖެން ހުސްވެފައިވާ ބައެއް ހޮސްޕިޓަލްތަކުގެ ތެރޭގައި ޓިރަތް ރާމް ޝާހު ހޮސްޕިޓަލް، ޔޫކޭ ނާސިން ހޯމް، ރާތީ ހޮސްޕިޓަލް އަދި ސަންތޮމް ހޮސްޕިޓަލް ހިމެނެއެވެ.

މި ހޮސްޕިޓަލް ތަކުގެ އިތުރުން އެސިޓީގެ ހޮލީ ފެމިލީ ހޮސްޕިތަލުން ބުނެފައިވަނީ އެ ހޮސްޕިޓަލުގައި ބާކީ ހުރި 2 ގަޑިއިރަށް ބޭނުން ކުރެވޭނެ ވަރަށް އޮކްސިޖަން ކަމަށެވެ.

އެގައުމުގެ ބައެއް ސަރަހައްދުތަކުން އޮކްސިޖަން ހުސްވަމުން އަންނައިރު، ބަލި މީހުން އެޑްމިޓް ކުރުމަށް ބޭނުންވާ ވަރަށް އެނދުތައް ނެތުމުގެ މައްސަލަ ވެސް މިހާރު ވަނީ ފެންމަތި ވެފައެވެ. އެނދުތައް ހޯދުމުގައި ބައެއް ފަރާތްތަކުން ސަލާން ޖަހަމުން އަންނައިރު، ބައެއް އެނދުތަކުގައި ދެ މީހުން ބާއްވައިގެން ވެސް އަންނަނީ ފަރުވާ ދެމުންނެވެ.

އިންޑިއާގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނައިރު، ދިއްލީ ވަނީ 6 ދުވަހުގެ މުއްދަތަކަށް ފުރަބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ރާއްޖެއިން އިންޑިއާއަށް އިންސާނިއްޔަތު ކަމަށްޓަކާ އެ ހީވުމަށްގޮވާލަން . އަދި ދެވެން ހުރިވަރަކަށް ވެކްސިންވެސް ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމަށްޓަކާ ކުރަންރަނގަޅުކަމެއް ،،