މިހާރު ކޮވިޑް-19 އެންެމެ ހަލުވިކަމާއެކު ފެތުރެމުންދާ ކ. މާފުށިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން މި ބައްޔަސް ފައްސިވި މީހުންގެ ޖުމްލަ އަދަދު 349 އަށް އަރައިފިއެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެރަށުން އޭޕްރިލް 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 1332 ސުންކު ނަގާފައި ވެއެވެ.

އޭގެ ތެރެއިން މިހާތަނަށް 349 މީހަކު ކޮވިޑަށް ވަނީ ފައްސިވެފައެވެ.

އަދި މިހާރު އެރަށުގައި ކޮވިޑް ބަލި ޖެހިފައިވާ 338 މީހަކު އެބަ ތިއްބެެވެ. އެހެންކަމުން އެރަށުން ކޮވިޑަށް ފައްސިވި 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެރަށުން ބަލި ޖެހުނު ހަތް މީހަކަށް ފަރުވާދެމުން ދަނީ ފެސިލިޓީތަކުގައެވެ.

މާފުށިން މިހާރު ފައްސިވަމުންދާ ވޭދަނަތަކާއި ގުޅިގެން އެރަށު 100 އެއްހާ ގެ ހުރީ ކަރަންޓީންގައެވެ. އެރަށުން ކޮވިޑަށް ފައްސިވަމުންދާ މީހުންގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންވެސް ހިމެނެއެވެ.

ފަތުރުވެރިންގެ މެދުގައި މަގްބޫލު މާފުށީގައި ކޮވިޑް ފެތުރެން ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.