ކޮވިޑް-19 ޖެހިގެން ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ. މިއީ ރާއްޖެއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ބަލީގައި ނިޔާވި ހަތަރު ވަނަ މީހާ އެވެ.

ނިޔާވެފައި ވަނީ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ ނިޔާވެފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 78 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ބަލީގައި މީހަކު ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައެވެ. ރޭ 3:38 ހާއިރު ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ކޮލަމާފުށި އަންހެނެކެވެ. އޭގެ ފަހުން މިއަދު މެންދުރު ނައިފަރު ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. އެއީ 83 އަހަރުގެ ފިރިހެނެކެވެ.

އޭގެ ފަހުން މިއަދު ހަވީރު ހާއިރު އއ، ރަސްދޫގައި އެކަހެރިކޮށްފައި ހުރި އުމުރުން 61 އަހަރުގެ އިންޑިއާ މީހަކު ވަނީ ނިޔާވެފައެވެ.

މިއަދަކީ ރާއްޖޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަބަޔަކު ކޮވިޑް ބަލީގައި ނިޔާވި ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު