ރާއްޖެ އިން ކޮވިޑް-19 އަށް ކުރާ ޓެސްޓްތަކަށް ބަލާއިރު ފައްސިވާ މީހުންގެ ނިސްބަތް ފުރަތަމަ ފަހަރަށް %24.29 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިއަދު 3153 މީހުން ކޮވިޑަށް ޓެސްޓްކުރިއިރު އޭގެތެރެއިން 766 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %24.29 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މީގެ ކުރިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ނިސްބަތުން އެންމެ ގިނަ މީހުން ފައްސިވީ އިއްޔެ އެވެ. އިއްޔެ 3574 މީހުން ކޮވިޑަށް ޓެސްޓްކުރިއިރު އޭގެތެރެއިން 703 މީހުން ވަނީ ކޮވިޑަށް ފައްސިވިއެވެ. އެހެންކަމުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %19.67 މީހުން އެދުވަހު ވަނީ ފައްސިވެފައެވެ.

މިއަދަކީ ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލައަށް ބަލާއިރު ވެސް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު މާލެ އިން 571 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 171 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 23 މީހުން، އިންޑަސްޓްރިއަލް ރަށްތަކުން އެކަކު މިއަދު ފައްސިވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 8261 މީހުން އެބަތިއްބެވެ. އޭގެތެރެއިން 205 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެހެންވެ މިހާރު ވަނީ މާލެ އާއި އަތޮޅުތެރޭގެ ފަސް ރަށެއްގައި ވެސް ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ކާފިއު ވެސް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައުޝާދު ޒަމީރު ( ޑރ އައްރާފް)

    މަރުހަބާ ސަރުކާރު.. ތަރައްގީ މިއޮށް ފެންނަނީ

  2. ނަސީ

    ހަމަގައިމުވެސް މިސަރުކާރައް ކޮވިޑުގެ ގޮތުން ތަރައްގީ މިއޮތީ ކުރިއައް ގެނެވިފަ. ކޮންމެ ދުވަހަކު މިދަނީ ކޮވިޑު ތަރައްގީވިކަމުގެ ނަމްބަރު އަރަމުން. ކީކޭދެން ބުނާނީ.. އިންޑިޔާ ކަނޑުގެ މެދުގައި ހަތެރެސްފަރާތުން ކަނޑު ލައްވާފައިވާ މިކުޑަ ތަންވެސް މި މީހުންނައް މިއުޅެނީ ނުބެލެހެއްޓިގެންް.

  3. ހުށެނު

    ލޮކްޑައުން ކޮށްބަލަ 1 ހަފްތާއަށް. މައިތިރިވާނެ