އައްޑޫސިޓީން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫއިން ފައްސިވެފައިވާ ހަތް މީހުންގެ ތެރެއިން ފަސް މީހަކު ފައްސިވެފައިވަނީ ހުޅުމީދޫއިންނެވެ. އަނެއް ދެ މީހުންނަކީ ހިތަދޫއިން ފައްސިވެފައިވާ މީހުންނެވެ.

މިއާއި އެކީ އައްޑޫއިން ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 46 އަށް އަރާފައެވެ. އެއީ ހިތަދޫއިން ފައްސިވި 20 މީހުންނާއި ފޭދޫއިން ފައްސިވި 2 މީހަކާއި ހުޅުމީދޫއިން ފައްސިވެފައިވާ 24 މީހެކެވެ.

އައްޑޫއިން އިތުރު ވޭދަނަތަކެއް ފެނިފައިވާއިރު، މިވަގުތު ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ކާފިއު އިއުލާނު ކޮށްފައެވެ. އައްޑޫގައި ކާފިއު އިއުލާނު ކޮށްފައިވަނީ ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށެވެ.

މީގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގެ ސްކޫލްތަކާއި ރެސްޓޯރެންޓްތައް ބަންދު ކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި އައްޑޫގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

އައްޑޫގެ އިތުރުން ރާއްޖޭގެ ގިނަ ރަަށްތަކެއްގައި މި ބަލި އަންނަނީ ހަލުވިމިނުގައި ފެތުރެމުންނެނެވެ. އެގޮތުން މިހާތަނަށް ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރުގައި ވޭދަނަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިއިން ކޮންމެ ރަށަކުން 100 އަށް ވުރެ ގިނަ ވޭދަނަ މިހާރު ވަނީ ފެނިފައެވެ.

ރާއްޖެއިން މިހާތަނަށް 34،724 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 25،992 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބައްޔަށް 8،640 މީހަކަށް ފަރުވާ ދެމުން އަންނައިރު، 230 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.