ގދ.ތިނަދޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މިއަދު ނިޔާވެއްޖެއެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ ކޮވިޑް ޖެހިގެން ފަރުވާ ދެމުން ގެންދިޔަ މީހަކު ރޭ ފަތިހު ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ އުމުރުން 88 އަހަރުގެ ފިރިހެނެކެވެ.

އޭނާ އަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ.

އޭނާ ކޮވިޑަށް ފައްސިވީ ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކުމުން ކުރި ޓެސްޓްތަކުންނެވެ.

ނިޔާވި މީހަކީ ކޮވިޑް ޖެހިއްޖެނަމަ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑު ބައެއް ބަލިތައް ހުރި މީހެކެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 173 އަށް އަރާފައެވެ.

ތިނަދޫން 201 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 145 މީހަކު ވަނީ މިހާރު ބަލިން ރަނގަޅު ވެފައެވެ. ތިނަދޫގެ މިހާރުގެ ހާލަތު ދެނެގަތުމަށް ވަކި ތަރުތީބެއް ނެތި އެރަށުން ސުންކު ނަގަން އިއްޔެ ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު