އައްޑޫސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު(އޭއީއޯސީ) އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ މީހާއަކީ ހިތަދޫން ފައްސިވެފައިވާ މީހެކެވެ.

މިއާއި އެކީ އައްޑޫން މިބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 310 އަކަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު އައްޑޫގައި ތިބީ ބަލި ޖެހިފައިވާ 98 މީހަކު ކަމަށް އެ ސެންޓަރުން ބުންޏެވެ.

އައްޑޫސިޓީއަށް ބަލާއިރު، އެސިޓީގެ ހުރިހާ ރަށެއްގައި މިވަގުތު ކޮވިޑް-19ގެ ވޭދަނަތައް އެބަ ތިއްބެވެ. އެގޮތުން މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ހިތަދޫންނެވެ.

އެގޮތުން ހިތަދޫގައި މިވަގުތު 65 ފައްސި މީހަކު އުޅޭއިރު، ފޭދޫގައި އެކަކު، ހުޅުދޫގައި 21 މީހަކު އަދި މީދޫގައި އެކަކު، މަރަދޫގައި 8 މީހަކު އަދި މަރަދޫފޭދޫގައި އެކަކު އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު 15 މީހަކު ބަލިން ފަސޭހަވެ، ޖުމްލަ ފަސޭހަވި މީހުންގެ އަދަދު ވަނީ 210 އަށް އަރާފައެވެ. އައްޑޫން މި ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ.

އޭއީއެޗުން ބުނީ، މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިހާނަތަނަށް 5،000 އަށްވުރެ ގިނަ ސުންކު ނަގާފައިވާ ކަމަށާއި މިހާތަނަށް ފައްސިވޭދަނަތަކާއި ގުޅިގެން 469 މީހަކު ގާތުން އެއްތާވި ކަމަށް އެނގިފައިވާ ކަމަށެވެ.