ކުޅުދުއްފުށީ ސިޓީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މޭނެޖަރ އަހުމަދު ދާއޫދު "ވަގުތު" އަށް ވިދާޅުވީ، ފައްސި ވެފައިވަނީ މާލޭ ދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރަމުން އަންނަ 45 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ފައްސިވުމާއި ގުޅިގެން މިވަގުތު ގާތުން އެއްތާވި މީހުން ހޯދައި އެމީހުންގެ ސުންކުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދާއޫދު ވިދާޅުވިއެވެ.

އަދި މިވަގުތު މޮނިޓަރިންގެ ހާލަތަށް ރަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަދި ގޮތެއް ނިންމާފައިވާ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށި މީގެ ކުރިން ވެސް އެތައް ފަހަރަކު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވެއެވެ. އެންމެ ފަހުން މި ސިޓީން ވޭދަނައެއް ފެނުނީ މިދިޔަ މެއި މަހުގައެވެ. އެ ވޭދަނާ ގުޅިގެން ވެސް ކުޅުދުއްފުށި މޮނިޓަރިން އިން ހާލަތަށް ލުމަށް ފަހު އަނެއްކާ ވެސް ރަށުގެ ހާލަތު ރަނގަޅު ވުމުން މޮނިޓަރިން އިން ނެގިއެވެ.