ގދ. ތިނަދޫން އިތުރު ހަތަރު މީހަކު، އަދި އެ އަތޮޅު ގައްދޫން އިތުރު 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫން މިއަދު ފައްސިވި ހަތަރު މީހުންނާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 306 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 122 މީހެކެވެ. އެ ބަލިން 184 މީހަކު ވަނީ ރަނގަޅުވެފައެވެ.

އެރަށުން ކޮވިޑް ޖެހުނު މީހަކު އެ ބަލީގައި ނިޔާވެފައި ވެއެވެ.

އަދި އެ ބައްޔަށް ފައްސިވި ތިން މީހަކަށް އެރަށުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެވެމުން ދެއެވެ.

އެރަށުން މިއަދުވެސް 75 މީހެއްގެ ސުންކު ނަގާފައި ވެއެވެ. އަދި 118 ސުންކެއްގެ ނަތީޖާ ނުލިބޭ ކަމަށް ހާމަކޮށްފައި ވެއެވެ.

ގައްދޫއަށް ބަލާއިރު، އެރަށުން ފައްސިވި އިތުރު 14 މީހުންނާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 80 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 71 މީހަކަށެވެ. އެރަށުން ފައްސިވި ނުވަ މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ.

މި ރަށްތަކުގެ އިތުރުން، ފަރެސްމާތޮޑާ އާއި ވާދޫ ގައިވެސް ކޮވިޑް ޖެހިފައިވާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ފަރެސްމާތޮޑާގައި ކޮވިޑް ޖެހިފައިވާ 39 މީހަކު ތިބިއިރު، ވާދޫގައި 10 މީހަކު އެބަތިއްބެވެ.

ގައްދޫ އާއި ތިނަދޫގައި ކޮވިޑް ފެތުރެމުންދާތީ އެ ދެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވަމުންނެވެ. ހާއްސަކޮށް ބައެއް މީހުން ދަނީ އެރަށްތައް ފުރަބަންދު ކުރުމަށް ގޮވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު