ރާއްޖޭގައި ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު 50 ދުވަސް ފަހުން 100 އިން ދަށަށް ވެއްޓިއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 97 މީހުންނަށެވެ. އެހެންކަމުން މިއަދަކީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ވަނީ ތިން މީހަކު ނިޔާވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބީ 11041 މީހުންނަށެވެ. އެހެންކަމުން މިއަދަކީ މެއި މަހުގެ 10 ވަނަ ދުވަހަށް ފަހު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު އެންމެ މަދުވި ދުވަހެވެ.

އޭޕްރީލް މަހުގެ ތިންވަނަ ހަފްތާ އިން ފެށިގެން ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، ހޮސްޕިޓަލްތައް ފުރުނެވެ.

ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އެންމެ ގިނަވީ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު 294 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޮންޓްރޯލް ކުރަން ހަރުކަށި ފިޔަވަޅުތަކެއް އެޅުމުން މާލޭގެ ހާލަތު އަންނަނީ ރަނގަޅު ވަމުންނެވެ. މިމަސް ފެށުނު ފަހުން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އަންނަނީ ހޮސްޕިޓަލުން ދޫކޮށްލަމުންނެވެ. މިމަހުގެ އެވްރެޖަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބޭ މީހުންގެ ޖުމްލަ އަދަދުން ނުވަ މީހުން އަންނަނީ މަދުވަމުންނެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 246 މީހުންނެވެ. އޭގެތެރެއިން 88 މީހުން ފައްސިވީ މާލެ އިންނެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 137 މީހުން ކޮވިޑަށް ފައްސިވިއެވެ. ހިންގަމުންދާ ރިސޯޓްތަކުން 13 މީހުން އަދި ހަދަމުންދާ ރިސޯޓްތަކުން 08 މީހުން މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު 4788 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އެހެންކަމުން މިއަދު ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %5 އެވެ. މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް އޭޕްރީލް މަހުގެ 22 ވަނަ ދުވަހަށް ފަހު މިހައި ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު