ރާއްޖޭގައި މިވަގުތު އިންޑިއާ އާއި ޔޫކޭގެ ކޮވިޑް ވޭރިއެންޓް ފެތުރެމުން އަންނަ ކަމަށް ސަރުކާރުން ހާމަ ކޮށްފިއެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެންމެ ފަހުން ރާއްޖެއިން ޓެސްޓް ހެދުމަށް ފޮނުވި 30 ސުންކެއްގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހިންގެ ސުންކާއި ބޭރު މީހުންގެ ސުންކު ހިމެނޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެނަތީޖާތަކަށް ބަލާއިރު، 20 އިންސައްތަ ސުންކު ފައްސިވެފައިވަނީ އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ ވޭރިއެންޓް ނުވަތަ އަލްފާ އަށް ފައްސިވެފައި ކަމަށާއި 27 އިންސައްތަ ސުންކު ފައްސިވެފައިވަނީ އިންޑިއާގައި ފެތުރެމުން އަންނަ ވޭރިއެންޓް ނުވަތަ ޑެލްޓާއަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، މި ވޭރިއެންޓްތަކުގެ އިތުރުން ރާއްޖޭގައި އިތުރު އެހެން ވޭރިއެންޓްތައް ވެސް މިވަގުތު ފެތުރެމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެންމެ ގިނަ މީހަކު ފައްސިވަމުން އަންނަނީ އަލްފާ އާއި ޑެލްޓް ވޭރިއެންޓްއަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ ވޭރިއެންޓާއި އިނގިރޭސިވިލާތުގެ ވޭރިއެންޓް ފެތުރޭކަން ސަރުކާރުން ހާމަ ކޮށްފައިވާއިރު، މި ބައްޔަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ.

ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި އެކީ ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވަނީ ފާއިތުވި ހަފްތާގައި ދަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަލްޓް

    ސަރުކާރުން ދައްކާ ހާ ވަހާކަ ތަކެއް ގަބޫލެއް ނުކުރެވޭ! ކޮންމެވެސް ނުބަޔެއް ހަދަން އިންޑިއާ އާ އެކީ ޑީލް ކުރެވެނީ ހެން ވ ބޮޑަށް ހީވޭ! ރައްޔިތުން ގަމާރުވެ ނުތިބެ އަޑު އުފުލާ!

  2. ދުންމާރި

    އިންޑިއާ ވޭރިއަންޓާ ޔޫކޭ ވޭރިއަންޓަކީ މި ސަރުކާރުން ރާއްޖެއަށް އެތެރެކުރި އަގުބޮޑު ޖަވާހިރުތަކެއް