ގއ. ކޮލަމާފުށިން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮލަމާފުށި ކައުންސިލްގެ ރައީސް އަލީ ވަހީދު "ވަގުތު" އަށް ވިދާޅުވީ، އެރަށުން ފައްސިވެފައިވަނީ ކޫއްޑޫ ބޯޓަކުން ފައްސިވި މީހަކާއި ގާތުން އެއްތާވި މީހަކު ކަމަށެވެ.

އޭނާ ފައްސިވިއިރު، ހުރީ އެރަށުގައި ކަމަށާއި އޭރު އޭނާ ކަރަންޓީނުގައި ނެތް ކަމަށް ވެސް ވަހީދު ވަނީ ވިދާޅުފައެވެ.

މި ވޭދަނައާއި ގުޅިގެން އެރަށަށް އަރާ ފޭބުން މި ވަގުތު މަނާ ކޮށްފައިވާއިރު، ވަހީދު ވިދާޅުވީ، މިވަގުތު އޭނާއާއި ގާތުން އެއްތާވި މީހުން ދެމެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 12 ގެއެއް ކަރަންޓީނު ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮލަމާފުށިން ކޮވިޑްގެ ވޭދަނައެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެރަށް ހިމެނޭހެން ގިނަ ރަށްތަކެއް ކޮވިޑާއި ގުޅިގެން މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖެއިން މިހާތަނަށް 70،897 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 62،533 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ 8،155 މީހުންގެ ތެރެއިން 79 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް 200 މީހަކު ވަނީ ނިޔާވެފައެވެ.