މިއަދު ރާއްޖެ އިން އިތުރު 187 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ފައްސިވި އަދަދުތައް ދަށަށް ގޮސްފައިވާއިރު، މިއަދު މާލެ އިން ފައްސިވެފައި ވަނީ 84 މީހެކެވެ. އަދި އަތޮޅު ތެރެއިން 91 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ރިސޯޓްތަކުން ހަތް މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި ސަފާރީތަކުން ފަސް މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއާއެކު މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 71،896 އަށް އަރާފައެެވެ.

މިއަދު މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލީގައި މީހަކު ނިޔާވެފައެއް ނުވެއެވެ.

މިއަދު 187 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ، 5،613 ސުންކު ނަގައިގެންކަން ފާހަގަކޮށްލަން ޖެހޭއިރު، މިހާރު ރާއްޖޭގައި ބަލި ޖެހިފައި ތިބީ 5،300 މީހެކެވެ.

ފާއިތުވެ ދޮޅު މަހެއްހާ ދުވަސް ތެރޭގައި ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތައް އުޅުނީ މަތީގައެވެ. އެގޮތުން ބައެއް ދުވަސް ދުވަހު އެ ބައްޔަށް 1000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވަމުން ދިޔައެވެ.

އެހެން ނަމަވެސް ފާއިތުވެދިޔަ ދެ ހަފްތާ ތެރޭގައި ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތައް އުޅުނީ 500 އިން ދަށުގައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ދަށްވި ނަމަވެސް، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ދަށަށް ނުދެއެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން 206 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 66،379 މީހަކު ވަނީ އެ ބަލިން ޝިފާ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފުލް ކުމާރު

    ސުންކު މަދެއްނޫން ނެގިލެއް.