ގދ، ތިނަދޫން އިތުރު 12 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް އެރަށު ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ތިނަދޫ ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު އެރަށުން އިތުރު 12 މީހަކު ފައްސިވެ، ޖުމަލް މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 463 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 187 މީހަކު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެރަށުން އިތުރު 12 މީހަކު ކޮވިޑަށް ފައްސިވިއިރު، 21 މީހަކު ބަލިން ފަސޭހަވެ، ޖުމްލަ ފަސޭހަވި މީހުންގެ އަދަދު ވަނީ 276 އަށް އަރާފައެވެ.

ތިނަދޫން ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކަށް މިވަގުތު ފެސިލިޓީގައި ފަރުވާ ދެމުން އަންނައިރު، އެރަށުން ބަލި ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ.

ތިނަދޫގައި ބަލި ފެތުރެމުން އަންނަ މިދަނޑިވަޅުގައި މިހާތަނަށް 4586 ސުންކު ވަނީ ނަގާފައެވެ. އޭގެ ތެރެއިން 155 ސުންކު އަކީ ފާއިތުވި 24 ގަޑިއިރު ނަގާފައިވާ ސުންކު ކަމަށާއި ނަތީޖާ ނުލިބި 206 ސުންކު އެބަ ހުރި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ތިނަދޫގައި ހަލުވި ކަމާއި އެކީ ކޮވިޑް ފެތުރެމުން އަންނާތީ އެރަށް ފުރަބަންދުކޮށް، ކާފިއު ނޫން ވަގުތުތަކުގައި ބޭރުގައި އުޅުމަށް ހާއްސަ ހުއްދައެއް ނެގުމަށް ކައުންސިލުން ވަނީ އަންގާފައެވެ. އަދި ބޭރުގައި އުޅުމަށް ކޮންމެ ގެއަކަށް ދެ ފާސް ދިނުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.