އައްޑޫސިޓިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފައްސިވެފައިވާ ފަސް މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ގާތުން އެއްތާވި ތިން މީހުންގެ އިތުރުން މަރަދޫގައި ކަރަންޓީނުގައި ހުރި މީހެކެވެ.

މިއާއި އެކީ އައްޑޫން ފައްސިވި މީހުންގެ އަދަދު ވަނީ 433 އަށް އަރާފައެވެ. އޭގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ.

އައްޑޫން އެންމެ ގިނަ މީހަކު މިހާތަނަށް ފައްސިވެފައިވަނީ ހިތަދޫންނެވެ.

އައްޑޫގެ ވޭދަނަތައް އިތުރުވަމުން އަންނާތީ އެ ސިޓީގެ ކައުންސިލުން ވަނީ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން އެސިޓީގެ ހިތަދޫ ފުރަބަންދުކޮށް، ކާފިއު ނޫން ވަގުތު ތަކުގައި ބޭރުގައި އުޅުމަށް ހާއްސަ ހުއްދައެއް ބޭނުންވާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ކޮންމެ ގެއަކަށް ބޭރުގައި އުޅުމުގެ ދެ ފާސް ދިނުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.