ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އަނެއްކާވެސް ހއ.ދިއްދުއަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.
ދިއްދޫގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރެން ފެށުމުން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެރަށުގެ މޮނިޓަރިން ހާލަތު އުވާލީ މީގެ ދެހަފްތާ ކުރިންނެވެ. ނަމަވެސް މިއަދު އަނެއްކާވެސް ވަނީ މޮނިޓަރިންގެ ހާލަތައް ރަށް ގެނެސްފައެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދިއްދޫ ކައުންސިލަށް މިއަދު ފޮނުވި ލިޔުމުގައި ވިދާޅުވީ މިއަދު ހެނދުނު 11:10 އިން ފެށިގެން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށެވެ.
މޮނިޓަރިންގެ ހާލަތައް ރަށެއް ގެނައުމުން ރަށުގައި ތިބި މީހުން ފުރައިގެން އެހެން ތަނަކަށް ދިއުން މަނާ ވާނެއެވެ. އަދި އެޗްޕީއޭގެ ހުއްދަ ނެތި ރަށަށް އެރުން ވެސް މަނާ ވާނެއެވެ.
މައިމޫނާ ދިއްދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ނިމެންދެން އެރަށް އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.
މޮނިޓަރިންއަށް ލުމާއި ގުޅިގެން އެޗްޕީއޭ އިން އަންގާ ގޮތެއްގެމަތިން، ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
މިހާރު ވެސް ރާއްޖޭގެ 50 އަށް ވުރެ ގިނަ ރަށް މޮނިޓަރިން ހާލަތުގައި އެބައޮތެވެ.