ކޮވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުގައި، ނިޔާވެފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 209 އަށް އަރާފައެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް އަދިވެސް ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ގިނައެވެ.
މިމަހު ވެސް މިހާތަނަށް 51 މީހުން ވަނީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވެފައެވެ. މެއި މަހު 85 މީހުން ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވިއެވެ. މެއި މަހަކީ ކޮވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން ރާއްޖެ އިން ނިޔާވި މަހެވެ